ސްޕެނިޝް ލަލީގާގައި އުނދަގުލުން ވެލެންސިޔާ އަތުން 1-0 އިން ބާސެލޯނާ މޮޅުވިއިރު، ވާދަވެރި ރެއާލް މެޑްރިޑް ރޭ ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.

ބާސެލޯނާއިން އަމިއްލަ ދަނޑުގައި ވެލެންސިޔާ ބަލިކުރީ ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ބްރެޒިލްގެ ވިންގަރ ރަފީނާ ޖަހައިދިން ލަނޑަކުންނެވެ. ރަފީނާ މިލަނޑު ޖެހީ ކެޕްޓަން ސާޖިއޯ ބުސްކެޓް ވެލެންސިޔާގެ އޭރިޔާގެ ބޭރުން ޑިފެންސްލައިން ފަހަތަށް މަތިމަތިން ކުޅެލި ބޯޅަ، ކީޕަރު އެބޯޅަ އަތުލުމުގެ ކުރިން ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ.

ވެލެންސިޔާ ކޮޅަށް ލަނޑު ޖެހުމަށް ރަފީނާ އުފާފާޅު ކުރަނީ. ފޮޓޯ: އޭޕީ

ދެވަނަ ހާފުގައި ލީޑް ފުޅާކުރާނެ ރަނުގެ ފުރުސަތެއްވެސް ބާސެލޯނާއަށް ލިބުނެވެ. އަންސޫ ފާޓީ ގޯލަށް ފޮނުވާލަން އުޅުނު ހަމަލާއެއް ވެލެންސިޔާގެ ޑިފެންޑަރެއް އަތުގައި ޖެހުނު ކަމަށް ބަލައި ދިން މިޕެނަލްޓީ ފެރަން ޓޮރޭސް ފޮނުވާލުމުން އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ޕެނަލްޓީ ފޮނުވާލުމުގެ ކުރިން ފާޓީ އާއި ޓޮރޭސްއާ ދެމެދު ޕެނަލްޓީ ޖަހާނެ ކުޅުންތެރިޔަކާމެދު ކޮންމެވެސް ވަރެއްގެ ދެބަސްވުމެއްވެސް އުފެދުނެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ފާޓީ ފޮނުވާލި ހަމަލާއެއްވެސް ހަމާޒުވީ ވެލެންސިޔާ ގޯލު ދަނޑިއަށެވެ.

ބާސެލޯނާއަށް މެޗް އުނދަގޫ ވެގެންދިޔައީ 59 ވަނަ މިނެޓުގައި އިތުބާރު ޑިފެންޑަރު ރޮނާލްޑް އަރައުހޯއަށް ރަތްކާޑް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. އެއްކުޅުންތެރިޔަކު މަދުކޮށް މެޗުގެ ބާކީއޮތް ތިރީހަކަށް މިނެޓް ކުޅެން ޖެހުމުން ބޯޅަ ހިފަހައްޓަން ބާސެލޯނާއަށް އުނދަގޫވިއެވެ. އެކަމަކު މެޗް ނިންމާލީ މުހިއްމު ތިން ޕޮއިންޓް ކަށަވަރު ކޮށްގެންނެވެ.

ތާވަލުގެ ކުރީގައި ބާސެލޯނާއިން 10 ޕޮއިންޓަށް ލީޑް ފުޅާ ކުރުމުން، ރެއާލް ބެޓިސް އަތުން ކޮންމެހެންވެސް މޮޅެއް ހޯދަން މަޖުބޫރުވެފައި އޮތް މެޗުން ރެއާލް މެޑްރިޑަށް ފުއްދާލަން ޖެހުނީ ލަނޑެއް ނުޖެހި އެއްވަރުވެ ޕޮއިންޓަކުންނެވެ. ތަޖުރިބާކާރު ކޯޗް ޕްލެގްރިނީގެ އިރުޝާދުގެ ދަށުން މިސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ބެޓިސްއިން ވަނީ މިމެޗުގައި އަވަހަށް ޕްރެސްކޮށްގެން ބޯޅަ ހޯދައި ރެއާލްގެ މެދުތެރެއިން ކުޅެން މަސައްކަތް ކުރި ގޭމް ކުޅުވިޔަ ނުދީ ހުއްޓުވައިފައެވެ.

ތާވަލުގެ ކުރީގައި ބާސެލޯނާ އޮތީ 62 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ރެއާލް މެޑްރިޑް އޮތީ 53 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި 45 ޕޮއިންޓާއެކު އޮތީ އެތުލެޓިކޯ މެޑްރިޑެވެ. ހަތަރުވަނައިގައި 44 ޕޮއިންޓާއެކު ރެއާލް ސޮސިއެޑާޑް އޮތްއިރު، ބެޓިސް 5 ވަނައިގައި އޮތީ 41 ޕޮއިންޓާއެކުއެވެ.