ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ޙުކުމް ކުރި ކްރިމިނަލް ކޯޓުގެ އިސް ޤާޒީ އަޙްމަދު ޝަކީލް ހައިކޯޓަށް ޢައްޔަން ކުރުމަށް ނިންމާފައިވާ ކަމުގެ މަޢުލޫމާތު ލިބިގެން ޕީޕީއެމުން އެކަމަށް ރައްދު ދީފިއެވެ.

އެޕާޓީން ބުނެފައިވަނޯ ގާޒީ ޝަކީލަށް މަގާމުގެ ކުރިއެރުން ދިނުމަކީ އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. ސަރުކާރުން އެކަން އެގޮތަށް ކުރުން އެއީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ޢާއިލާއަށް އަނިޔާވެރިވުން ކަމަށް ވެސް ޕީޕީއެމުން ބުނެފައިވެއެވެ. "ރައީސް ޔާމީންގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓުގެ ޙުކުމް ހައިކޯޓުގައި އިސްތިޢުނާފް ކޮށްފައިވަނިކޮށް، ދަށު ކޯޓުން ޙުކުމް ޖެހި ޤާޒީއަށް މަޤާމުމެ ކުރިއެރުން ދިނުމަކީ، ސަރުކާރުގެ ނުފޫޒު ސިއްރާއި ފާޅުގައި ޖުޑިޝަރީއަށް ފޯރުވާ، ސަރުކާރު ބޭނުންވާ ޙުކުމެއް ކުރުމަށް ހިތްވަރު ދިނުންކަމުގައިވެސް ޤަބޫލުކުރެވެއެވެ. އަދި އެއީ ރިޝްވަތުގެ ޢަމަލެއްގެ ގޮތުގައިވެސް ބެލެވެއެވެ. ރައީސް ޔާމީންގެ މައްޗަށް ޙުކުމް ކޮށްފައިވަނީ ސަރުކާރުގެ ނުފޫޒާއެކު، އެތައް މަންފާއަކާއި ވަޒީފާގެ ކުރިއެރުން ތައް ހުށަހެޅި، ޤާޒީ އަމިއްލަ އިޚުތިޔާރުގެ ބޭރުންކަމުގައި ދިވެހިންގެ ތެރެއިން އެތައް ބަޔަކު ޤަބޫލުކުރެއެވެ." ޕީޕިއެމުން ބުނެފައިވެއެވެ.

އެޕާޓީން ތަކުރާރުކޮށް ބުނަމުން ގެންދަނީ ރައީސް ޔާމީންގެ މައްޗަށް ކުރީ ޙައްޤު ނޫން ޙުކުމެއް ކަމަށެވެ. އެ ހުކުމުގެ ހަދިޔާއެއްގެ ގޮތުގައި، އެއަށްވުރެ މަތީ މަޤާމަކަށް ޤާޒީ ޝަކީލު ބަދަލު ކުރާނެ ވާހަކަ އެއީ މީގެ ކުރިންވެސް ދައްކަމުން ގެންދިޔަ ވާހަކައެއް ކަމަށް ވެސް ބުނެފައިވެއެވެ. އެންމެ ފުރަތަމަ ރައީސް ޔާމީނަށް ޙުކުމް ކުރި ޤާޒީ ޢަލީ ރަޝީދަށްވެސް އެތައް މަންފާއަކާއެކު ވަޒީފާގެ ކުރިއެރުން ވަނީ ލިބިގެން ގޮސްފައި ކަމަށް ޕީޕީއެމުން ބުނެފައިވެއެވެ. އެހެންކަމުން މިފަދަ ކަންކަމުން ރައީސް ޔާމީންގެ މައްސަލަތަކުގެ ތެރެއަށް ސަރުކާރުގެ ނުފޫޒު ފޯރުވާ މިންވަރު ސަބަބުވެރި އިންސާނުންގެ ސިކުނޑިތަކަށް ވިސްނޭ ކަމަށް ވެސް ޕީޕީއެމުން ބުނެފައިވެއެވެ.

"މިކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ކޯލިޝަންގެ ލީޑަރ އަދި ޕިޕީއެމްގެ ރައީސް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙައްޤު ނޫން ޙުކުމް ހައިކޯޓުގައި އިސްތީޢުނާފްކޮށްފައިވާއިރު، އެމައްސަލައިގެ އެއްވެސް ކަމެއް ހައިކޯޓުގައި ހިނގަމުން ނުދިޔުމަކީވެސް މިކޯލިޝަނުން ކަންބޮޑުވާ މައްސަލައެކެވެ. ރައީސް ޔާމީންގެ މައްސަލައަކީ ދިވެހިރާއްޖެއާއި ދިވެހި އެންމެހައި ރައްޔިތުންގެ މަސްލަހަތާއި ގުޅުން ހުރި މައްސަލައަކަށްވާއިރު، އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިޢުނާފް ކޮށްފައިވާ މައްސަލަ އަވަސްކޮށް އިންސާފު ޤާއިމުކޮށްދިނުމަށްޓަކައި ކުރަން ޖެހޭ ކަންކަން ފަސްނުކޮށް ކުރުމަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް ގޮވާލަމެވެ."