އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން މެދުފަންތީގެ ޢާމްދަނީ ލިބޭ ޤައުމަކަށް ހިޖުރަކުރުމަށް ރާއްޖެ ކުރި ދަތުރުގައި، ފަޤީރުކަން ނައްތާލައި ތަރައްޤީ ގެނައުމަށް ކުރިމަތިވި ގޮންޖެހުންތަކާއި ރާއްޖޭގެ ތަޖުރިބާތައް ޙިއްޞާކުރައްވައި، އެގޮތަށް ހިޖުރަކުރާ ޤައުމުތަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފާހަގަކުރައްވައިފިއެވެ.

ރައީސް މިކަމަށް ބާރުއަޅުއްވައި ވާހަކަފުޅު ދެއްކެވީ ޤަޠަރުގެ ވެރިރަށް ދޯހާގައި ކުރިޔަށްދާ އ.ދ.ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ފަސްވަނަ ކޮންފަރެންސްގެ ޖެނެރަލް ޑިބޭޓްގައި މިއަދު ތަޤުރީރުކުރައްވަމުންނެވެ.

މީގެ އިތުރުން ރައީސް ދެއްކެވި ވާހަކަފުޅުގައި، މިގޮތަށް ހިޖުރަކުރުމުގެ މަރުހަލާގައި ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް)ގައި ހިމެނޭ ޤައުމުތަކުގެ އިޤްތިޞާދީ ޙާލަތު ކުރިއެރުވުމަށް ޖުމްލަގޮތެއްގައި މަސައްކަތްކުރެވުނު ނަމަވެސް އިޤްތިޞާދު ނުރައްކަލަށް ހުށަހެޅިދާނެ ކަންކަމަށް އެހާބޮޑު ސަމާލުކަމެއް ނުދެވި އޮންނަކަން ފާހަގަ ކުރެއްވިއެވެ.

އަދި ރާއްޖެ، މެދުފަންތީގެ ޢާމްދަނީ ލިބޭ ޤައުމަކަށް ހިޖުރަ ކުރުމާއެކު އޭގެ ކުރިން ހަމަޖެހިފައި ހުރި ބައެއް ޚާއްޞަ އިންތިޒާމުތަކާއި ލިބެމުންއައި ބައެއް އިނާޔަތްތައް މެދުކެނޑިގެން ނުދާނެކަން ކަށަވަރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހުނުކަން ފާހަގަކުރެއްވިއެވެ. އަދި ޤައުމު ގުދުރަތީގޮތުން އުފެދިފައި އޮންނަ ގޮތުންނާއި ބޮޑުކުޑަމިނާއި ރަށްތައް ފެތުރިފައިވާ ގޮތާއި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި، އިޤްތިޞާދު ސިންދަފާތުވެފައި ނެތުމާއި ޑިވެލޮޕްމަންޓް ފައިނޭންސް އެކަށީގެންވާގޮތެއްގައި ލިބޭނެގޮތްތައް ހަމަޖެހިފައި ނެތުމާއި ޖިއޮޕޮލިޓިކަލް ޝޮކްތަކުގެ ސަބަބުން ކުރިމަތިލާންޖެހޭ ނާޒުކުކަން ފަދަ ކަންކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

ރައީސް ވާހަކަފުޅުގައި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާއި ސިޑްސްގައި ހިމެނޭ ޤައުމުތަކަށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދޭވޭ އަސަރުތައް ފާހަގަކުރެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަށް ފިޔަވަޅުތައް އެޅުމަށް، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކަށް ހޭނުމާއި ވިލުންވެރިކަން އިތުރުކުރުންފަދަ ކަންކަމަށް ބޭނުންވާނެ ކަމަށް އަންދާޒާ ކުރެވިފައިވާ މިންވަރަށް ފައިސާ ހަމަޖެހިގެން ނުދާކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ކޮޕް27ގެ ސަމިޓުގައި ކުރިއަރާފައިވާ ޤައުމުތަކުން އެއްބަސްވި ގޮތަށް އެޤައުމުތަކުގެ ޒިންމާ އަދާކޮށް، "ލޮސް އެންޑް ޑެމޭޖް" ފަންޑު ޤާއިމުކުރުމުގެ މަސައްކަތް އަވަސްކޮށް، އަހަރަކު 100 ބިލިއަން ޑޮލަރުގެ ފައިނޭންސް ހަމަޖެއްސުމުގެ އަމާޒަށް ވާޞިލުވުމަށް އެ ޤައުމުތަކަށް ގޮވާލައްވާފައެވެ.

އެމަނިކުފާނު ވަނީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުން، ވިލުންވެރިކަން އިތުރުކުރުމަށް މަސައްކަތްކުރާއިރު ގުޑް ގަވަނަންސްގެ ބޭނުން ހިފުމަށާއި ދެމެހެއްޓެނިވި ތަރައްޤީ ހޯދުމުގައި ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ވެސް ހަމަހަމަ ގޮތެއްގައި އަދި މާނަހުރި ގޮތުގައި އަންހެނުންނާއި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކުރުމަށް ގޮވާލައްވާފައެވެ.

އ.ދ.ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސް ކުރިޔަށްދަނީ މާރިޗު މަހުގެ 5 އިން 9 ދުވަހަށް ޤަޠަރުގެ ވެރިރަށް ދޯހާގެ ޤަޠަރު ނެޝަނަލް ކޮންވެންޝަން ސެންޓަރުގައެވެ.