ހދ. ކުރިނބީ ކައުންސިލުގެ އިދާރާއިން އެއް އަހަރު ކުރިން ގެއްލުނު ތިޖޫރީ ފެނިފައިވިޔަސް އަދި ތިޖޫރީ ހުޅުވާ ބަލާފައި ނުވާ ކަމަށް ހދ ކުރިނބީ ކައުންސިލު ރައީސް އަބްދުﷲ އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ "ހަލި" ނޫހުން ތިޖޫރީ ފެނުމާ ބެހޭ ގޮތުން މިއަދު ކޮށްލި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. އަސްލަމް ވިދާޅުވި ގޮތުގައި އަހަރެއް ކުރިން ގެއްލުނު މި ތިޖޫރީ ފެނުނީ މިމަހުގެ ދެވަނަ ދުވަހު ކައުންސިލު އިދާރާ ހުންނަ އޮފީހާ މާ ދުރުނޫން ހިސާބެއްގައި، 10 މީޓަރ ރޭޑިއަސް އިން ކަމަށެވެ. އަދި ފުލުހުންނަށް އެންގުމުން ފުލުހުންގެ ބެލުމުގެ ދަށުން ކައުންސިލު އިދާރާއަށް ތިޖޫރީ ގެނެވިފައިވާ ކަމަށާއި ނަމަވެސް ތިޖޫރީ ނުހުޅުވާކަމަށެވެ.

ފުލުހުންގެ ތަހުގީގު ކުރިއަށްދާ ދަނޑިވަޅެއްގައި އަދި ތިޖޫރީ ހުޅުވުން ރަނގަޅު ނޫންކަމަށް ވާތީވެ، އަދި ހުޅުވާ ނުލާ ބަހައްޓާފައި ހުރީ ކަމަށްވެސް ކައުންސިލް ރައީސް އަސްލަމް ވިދާޅުވިއެވެ. ތިޖޫރީ ގެއްލުނު އިރު އޭގައި ހުންނާނީ ވަރަށްކުޑަ ލާރިކޮޅަކާއި(83 ރުފިޔާ) ޗެކްފޮތްތަކެއް ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. ތިޖޫރީއަށް ގެއްލުން ތަކެއް ވެފައި ހުރި ނަމަވެސް ތިޖޫރީ ހުޅުވިފައި ނެތްކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

ފޮޓޯ: ކުރިނބީ ކައުންސިލްރައީސް

ކުރިނބީ ކައުންސިލު އިދާރާއަށް ބޮޑެތި ގެއްލުން ތަކެއްދީ ތިޖޫރީއާއި ބައެއް އަގުބޮޑު ތަކެތި އެއިދާރާއިން ވަގަށް ނެގިކަމަށް ފުލުހުންނަށް މިނިމުނު 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު 22 ގައި ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެތައް މަސައްކަތެއް ކުރިއިރުވެސް ނުފެނުނު ތިޖޫރީ މި ފެނުނީ ރަށުތެރޭގައި އުޅުނު ކުއްޖަކު ގެންގުޅޭ އޮޅުއަސްދޫންޏެއް ހޯދުމަށް ރަށު ތެރެއާއި އަތިރިމަތި ބަލަމުން ދަނިކޮށެވެ.

ފޮޓޯ: ކުރިނބީ ކައުންސިލްރައީސް

ރަށްރަށުގެ އޮފީސްތަކުގެ ތިޖޫރީތަކާއި އާންމު ފަރުދުންގެ ފައިސާއާއި މުދާ ރައްކާކޮށްފައި ހުންނަ ތިޖޫރީތައް ވަގަށް ނެގުމަކީ ރާއްޖޭގައި ހިނގަމުން އަންނަ ވައްކަމުގެ ބޮޑު އެއް ޖަރީމާއެވެ. މާލެއާއި އަތޮޅުތެރޭގެ ރަށްތައް އަދި ރިސޯޓުތަކުންވެސް މިގޮތަށް ތިޖޫރީ ގެއްލިފައި ހުރިއިރު ގެއްލޭ ބައެއް ތިޖޫރޫތަކާއެކު ބައެއް މީހުންގެ މުޅި އުމުރު ދުވަހުގެ ބުރަ މަސައްކަތް ފެނަށް ވެފައިވެސް އެބަހުއްޓެވެ. ސަބަބަކީ ތިޖޫރީ ފެންނައިރު އޭގައި، ގެއްލުނުއިރު ހުންނަ، މުޅި އުމުރުގެ މަސައްކަތުން އެއްކުރި ފައިސާއާއި ގަހަނާ ނުހުންނާތީއެވެ. މިފަދަ މައްސަލަތަކުގައި ދިވެހި ފުލުހުންގެ ތަހުގީގުން ގިނަ ފަހަރު ކުށްވެރިވަގުން އަތުލައި މައްސަލަ ތަހުގީގު ކުރިއަށް ގެންދެވިފައިވެއެވެ.