ކެންޔާގެ ވެރިރަށް ނައިރޯބީގެ ސެންޓްރަލް ބިޒްނަސް ޑިސްޓްރިކްޓްގައި އެތައް ސަތޭކަ ވިޔަފާރިވެރިންނެއް ޗައިނާ ވިޔަފާރި ވެރިންނާ ދެކޮޅަށް މުޒާހަރާ ކޮށްފިއެވެ. އެއީ ކެންޔާގެ ބާޒާރަށް ޗައިނާގެ ވިޔަފާރިވެރިން ވަދެގަތުމާ ގުޅިގެން ކެންޔާ މީހުންނަށް ފުރުސަތު ކުޑަވެފައިވާ ކަމަށް ބުނެ ކެންޔާ މީހުން ކުރާ މުޒާހަރާ އެކެވެ.

ކެންޔާގެ ވިޔަފާރިވެރިން ޝަކުވާ ކުރާ ގޮތުގައި ޗައިނާގެ ވިޔަފާރިވެރިން ވަނީ އެމީހުންގެ ވިޔަފާރިން ކެންޔާ މީހުން ދުރުކޮށް، ކެންޔާ މީހުންނަށް ވުރެން އަގުހެޔޮކޮށް މުދާ ވިއްކަން ފަށާފައެވެ.

ފެބްރުއަރީ 28 ވަނަ ދުވަހުވެސް ކެންޔާ މީހުން މުޒާހަރާ ކުރިއެވެ. ވިޔަފާރިވެރިން ވަނީ ރައީސް އާއި ނައިބު ރައީސްގެ އޮފީސްތައް ހިންގާ ހަރަމްބީ އެވެނިއު ގައި ޕްލެކާޑްތައް ހިފައިގެން ހިނގާލުމެއްވެސް ބާއްވާފައެވެ.

ކެންޔާގެ ދަ ސްޓޭންޑަޑް ނޫހުން ބުނާ ގޮތުގައި ހައިލޭސްލާސީ އެވެނިއު އާއި ނެއިރޯބީގެ އެހެނިހެން ބޮޑެތި މަގުތަކުގައި ވެސް ވިޔަފާރިވެރިން މުޒާހަރާތައް ބާއްވަން އުޅުމުން ފުލުހުން ވަނީ އެކަމަށް ހުރަސް އަޅާފައެ އެވެ.

މުޒާހަރާ ކުރި އާންމުންގެ ބަޔަކު ބުނެފައި ވަނީ ޗައިނާ މީހުން ރިޓެއިލް ބާޒާރަށް ވަނުމުން އެމީހުން ކުޅެނީ އުފެއްދުންތެރިޔާއާއި ވިޔަފާރި ވެރިޔާގެ ދަރުއު އެއްފަހަރާއެވެ.

ކެންޔާގެ މީހުންގެ މުޒާހަރާ ހޫނު ވުމާ ގުޅިގެން ކެންޔާގެ ޕީޕަލް ޑެއިލީން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަފްތާގެ ކުރީކޮޅުން ފެށިގެން ކެންޔާގެ ޓްރޭޑް، އިންވެސްޓްމަންޓް އެންޑް އިންޑަސްޓްރީ ކެބިނެޓް ސެކްރެޓަރީ މޫސަސް ކުރިއާ ވަނީ ޗައިނާ މީހުން ވިޔަފާރި ކުރާ ޗައިނާ ސްކުއަރ ބަންދުކުރުމަށް ގޮވާލައްވާފައެވެ.

ކެންޔާގައި ހުޅުވި، މީހުންގެ މަގްބޫލުކަން ހޯދާފައިވާ ބޮޑު މޯލަކީ ޗައިނާ ސްކުއަރ އެވެ.