ޕާކިސްތާން ސިފައިންނާއި ސަރުކާރަށް ފާޑު ވިދާޅުވާ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާންގެ އަޑު ކަނޑުވާލުމަށް ޕާކިސްތާނު ސަރުކާރުން މަސައްކަތް ކުރެއެވެ.
ޕާކިސްތާން އިލެކްޓްރޯނިކް މީޑިއާ ރެގިއުލޭޓަރީ އޮތޯރިޓީ (ޕެމްރާ) އިން ވަނީ ކުރީގެ ބޮޑުވަޒީރު އަދި ޕާކިސްތާނުގެ ތަހްރީކް އިންސާފް (ޕީޓީއައި) ގެ ޗެއާމަން އިމްރާން ޚާން އިއްޔެ ލާހޯރުގައި އޭނާގެ ގޭގައި ދެއްވި ސްޕީޗް މީޑިއާއިން ދުރަށް ފޮނުވުން މަނާ ކޮށްފައެވެ.
އިއްޔެ 5 ޖެހިއިރު ދެއްވި ސްޕީޗަކީ އޭނާ ހައްޔަރު ކުރުމަށް ފުލުހުން ދިއުމުން ފިއްލަވައިގެން އުޅުއްވުމަށްފަހު ދެއްވި ސްޕީޗެކެވެ.
ޕެމްރާއިން އަންގާފައި ވަނީ، ޚާންގެ ތަގުރީރުތަކާއި ނޫސްވެރިންގެ ބައްދަލުވުންތައް ހުރިހާ ސެޓެލައިޓް ޓީވީ ޗެނަލަކުން ގެނަސްދިނުން މިހާރުން މިހާރަށް މަނާ ކުރާ ކަމަށެވެ.
ޕާކިސްތާނުގައި މީޑިއާ މިނިވަންކަމާއެކު ހަރަކާތްތެރިވިއަސް މީޑިއާ އިދާރާތައް އޮޕަރޭޓް ކުރަނީ ތިން ފިކުރެއްގައެވެ. އެއީ ނަވާޒް ޝަރީފަށް ތާއީދު ކުރާ ބަޔަކާއި ބުއްޓޫ އާއިލާއަށް ތާއީދު ކުރާ ބަޔަކާއި އިމްރާން ޚާނަށް ތާއީދު ކުރާ ގޮތަށް ތިން ބަޔަކަށް ބެހިފައިވާ އިދާރާތަކެކެވެ.
އިސްލާމްއާބާދު ފުލުހުން ބުނީ އަދިވެސް އެމީހުން އަތުގައި އޕތް ކޯޓު އަމުރުގެ ދަށުން އިމްރާން ޚާން ހައްޔަރު ކުރާނެ ކަމަށެވެ. އިމްރާން ޚާން ގެންދަވަނީ ސިފައިންނާ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.