ރަޝިޔާއިން "ސުޚޯއީ 35" ހަނގުރާމަ މަތީ މަތިންދާބޯޓު ގަންނާނެ ކަމަށާއި، އަދި އީރާނުން ޗައިނާއަށް ޑްރޯން ވިއްކާނެ ކަމަށް އީރާނުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ރަޒާ އަޝްތިޔާނީ ވިދާޅުވެއެވެ.

އަޝްތިޔާނީ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެހެން ގައުމުތަކާ އެކު ގުޅުން ބަދަހިކޮށް އެއްބާރުލުންދީގެން އީޜާންގެ ދިފާއީ ބާރު އިތުރުކުރުމުގެ ހައްގު އީރާނަށް ލިބިގެންވާ ކަމަށެވެ.

އީރާނުން ދަނީ ރަޝިޔާގެ އެސް-400 ދިފާއީ މިސައިލް ސިސްޓަމް ގަންނަން މަސައްކަތް ކުރަމުން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެންޓި މިސައިލް ޑިފެންސްގައި ތެހެރާނަށް އަމިއްލައަށް ފުދިގެން އުޅެވޭނެއެވެ.

އީރާނުގެ ޑިފެންސް މިނިސްޓަރު ހާމަކުރެއްވި ގޮތުގައި އީރާނުގެ ޑްރޯން ގަތުމަށް ބައެއް ގައުމުތަކުން އެދި ހުށަހަޅާފައިވާއިރު، މިކަމާ ގުޅޭގޮތުން ތަފްސީލީ މަޝްވަރާތަކެއް ކުރެވެމުންދަނީ ޗައިނާއާ އެކު ކަމަށް ވިދާޅުވިއެވެ.