އަލިފާނުގެ ހާދިސާއެއް ހިނގައި އަޑިއަށްދިޔަށް ގޮސްފައިވާ އައްޑޫސިޓީ ހިތަދޫ "އާގަލާ" ބޯޓުގައި ހުރި ތަކެތި އޮޔާދާތީ އެތަކެއްޗާމެދު ސަމާލުވުމަށް ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފިއެވެ.

އާގަލާ ބޯޓުގައި އަލިފާން ރޯވެ ބޯޓު އަޑިއަށް ގޮސްފައިވަނީ ރޭގެ މެންދަމު 3:00 އެހައިކަންހާއިރު ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ހާދިސާ ހިނގާފައިވަނީ މ. ތުވަރު ހުޅަނގުގައި ބޯޓު އޮއްވައެވެ. ހާދިސާއަށްފަހު ބޯޓުންް ފެންމައްޗަށް އަަރާފައިވާ ތަކެތި އޮޔާދާ ކަމުގެެ މައުލޫމާތު އެމްއެންޑީއެފްގެ ކޯސްޓުގާޑަށް ލިބިފައިވާ ކަމަށާއި އެހެން ކަމުން ދަތުރުވެރުވެރިން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ. އެތަކެތި އޮޔާދަނީ މ. އަތޮޅު ކައިރިން އުތުރަށް ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ. އެ ސަރަހައްދުން ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެެއް ދިނުމަށް ވެސް އެމްއެންޑީއެފް ކޯސްޓުގާޑުން ވަނީ އެދިފައެވެ.

އަގަލާ ބޯޓުގައި ރޯވުމާއެކު އެ ބޯޓުގައި ތިބި 15 މީހުން ވަނީ ކަނޑަށް ފުންމާލައިފައެވެ. އޭގެ ތެރެގައި ހިމެނެނީ ފަސް ދިވެހީންނާއި، އިންޑިއާގެ ފަސް މީހަކާއި ބަނގްކަދޭޝްގެ 5 މީހެެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭގެ ތެރެއިން އެކަކު ވަނީ ގެއްލިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިފައިވަނީ އިންޑިއާ މީހެކެވެ. ސިފައިންގެންދަނީ އެމީހާ ހޯދުމުގެ މަސައްކަތް ކަނޑުމަގުންނާއި ވައިގެ މަގުން ކުރަމުންނެވެ. އެ ބޯޓުގައި އަލިފާން ރޯވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. ކަމާބެހޭ ފަރާތްތަކުންް ގެންދަނީ މިހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.