ހުޅުމާލޭ ޖޫސްޓައިމަށް ގެއްލުން ދިން މައްސަލައިގެ ތުހުމަތު ކުރެވޭ އިތުރު މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ ހައްޔަރު ކޮށްފައިވނީ ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެފައިވެއެވެ. އެހެންނަމަވެސް ހައްޔަރުކުރި ވަގުތެއް ހާމަކޮށްފައެއް ނުވެއެވެ. " ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ފިރިހެނެއް. މި މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވގުތެއްގައި،"ފުލުހުން ބުނެފައިވެއެވެ.

މިމައްސަލާގައި ފުލުހުންވަނީ އިތުރު މީހަކު ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 19 އަހަރުގެ ޒުވާނެކެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމައިދިނުމަށްއެދި ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ.

އެތަނަށް ގެއްލުން ދީފައިވަނީ ހެލްމެޓު އަޅައިގެން ތިބި ދެ މީހެކެވެ. ފުލުހުން ބުނެފައިވަނީ އެމީހުން ޖޫސްޓައިމަށް ގެއްލުންދީފައިވަނީ މަރުތޭލަކުން ކަމަށެވެ. މީގެ ކުރިން ފުލުހުންވަނީ އެ ދެ މީހުން ދުއްވި ކަމަށް ތުހުމަތު ކުރެވޭ ސައިކަލް ހިފހައްޓައިފައެވެ.