ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން ގެންނަވާފައިވާ އިސްލާހީ ބަދަލުތަކާ އެކު މިހާރު ކޯޓުތަކުގެ ފަނޑިޔާރުންނަށް ހުކުމް ނުވިއްކާނެ ކަމަށާއި އެފަދަ ކަމެއް ކޮށްފިނަމަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ރައްޔިތުންގެ މަޖިލީހުން އެ މައްސަލައެއް ބަލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެމްބަރު ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިއްޔެ އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ މިހާރު ކޯޓުތަކުން ނިންމާ ނިންމުންތައް ރައްޔިތުން ބަލައިގަންނާނެ ކަމަށް އެމްޑީޕީން ދެކޭ ކަމަށެވެ.

ޝަރުއީ ދާއިރާ އިސްލާހުކުރުމަށްޓަކައި އެ ދާއިރާގެ އިދާރީ އޮނިގަނޑު ބަދަލުކޮށް ރައްޔިތުންނަށް ފަސޭހަކަމާއެކު އިންސާފަށް ވާސިލުވެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ޖޭއެސްސީން މަސައްކަތް ކުރަމުން ގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވިގޮތުގައި ފަނޑިޔާރުން ހުކުމެއް ވިއްކައިފިނަމަ އެމަނިކުފާނަށް ނޭނގި ނުދާނެއެވެ.

ހުމުކެއް ވިއްކައިފިއްޔާ އަޅުގަނޑަށް އިނގޭނެ. ވިއްކައިފިއްޔާ އަޅުގަނޑުމެން އެންމެންނަށްވެސް އިނގޭނެ. ހޯދާނަން، ބަލާނަން ފިޔަވަޅު އަޅާނަން. ޖުޑީޝަލް ސާވިސް ކޮމިޝަނުންވެސް، ރައްޔިތުންގެ މަޖިލީހުންވެސް
ރައީސް ނަޝީދު

އެމަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓަކީ އިންސާފުވެރިކަމާއެކު ދެފުށް ފެންނަ ގޮތަށް ޝަރީއަތް ކުރާ ތަނަކަށް މިހާރު ހެދިއްޖެ ކަމަށެވެ. އަދި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ފަސޭހައިން ބެލޭނެ އިންތިޒާމް ހަމަޖައްސައި ޖޭއެސްސީން އެކަން ކުރަމުން އަންނަ ކަމަށް ވެސް ރައީސް ނަޝީދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި އިންސާފު ހޯދައިދިނުމަށްޓަކައި މި ސަރުކާރުން ކުރަން ހުރި ކަންކަން ނިމުނީއެއް ނޫނެވެ. އަދިވެސް އެކަމުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.