މޯލްޑިވްސް ނޭޝަނަލް ޕާޓީ އެމްއެންޕީގެ ވެރިކަމެއްގައި ގައުމު ތަރައްގީ ކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމް ކުރުމަށް ކަމަށް އެޕާޓީގެ ތަރުޖަމާނު ޝިދާތާ ޝަރިފް ވިދާޅުވެއްޖެއެވެ.
ޝިދާތާ ވިދާޅުވީ ގައުމެއް ހުރިހާމާނައެއްގައި ވެސް ތަރައްގީ ކުރެވޭނީ ރައްޔިތުން އެކުވެރިވެ އެއްގަލަކަށް އަރައިގެން ކަމަށެވެ. ސިޔާސީ ޚިޔާލުތަފާތުވުމުގެ ތެރެއިން ވެސް ގައުމާއި ރައްޔިތުންނަށް ފައިދާކުރާނޭ ކަންކަމަށް އެންމެ ވެސް އާނ! ބަސް ބުނުން ވަރަށް މުހިންމު ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެން ތަރައްގީއަށްޓަކައި އެންމެ އިސްކަމެއް ދޭނީ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކުރަން. ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާ ކުރެއްވިއްޖެ ކަމަށްވާނަމަ ތަރައްގީއަށް ބޭނުންވާ ހުރިހާދިމާއަކުން އެކަންކުރަން ފަސޭހަވެގެންދާނެ. ސިޔާސީ ޚިޔާލުތަފާތުވުމަކީ މައްސަލައެއް ނޫން. އެހެންނަމަވެސް ގައުމާއި ރައްޔިތުންގެ ފައިދާއަށްޓަކައި ކުރާ ކަންކަމަށް އެންމެން އާނ! ބަސް ބުނުމަކީ ތަރައްގީގައި ކުރިއަށް ދިއުމަށް އޮތްވަރަށް ތަނަވަސްމަގެއް،" ޝިދާތާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްއެންޕިގެ ރައީސް މުހައްމަދު ނާޒިމަކީ ގައުމު ހިންގާލުމުގެ ގާބިލްކަމާއި ކުޅަދާނަކަންް ލިބިވަޑައިގެން ހުންނެވި ވިޝަނަރީ ލީޑަރެއް ކަމަށެވެ. އެކަން ނާޒިމްގެ މާޒީގައި ވަނީ ދައްކަވައިދެއްވާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ގައުމަށް ދިމާވި ބޮޑެތި ކާރިސާތަކުގައި އެންމެ އިސްސަފުގައި މަސައްކަތް ކުރެއްވުމުގެ ތަޖުރިބާ ވެސް އެމަނިކުފާނުގެ ހުންނާނޭ ކަމަށް ޝިދާތާ ވިދާޅުވިއެވެ.
އެމްއެންޕީން ގައުމު ތަރައްގީކުރާނީ ވަކި ދާއިރާއަކުން ނޫން ކަމަށާއި ހުރިހާ ދާއިރާއަކުން ވެސް ގައުމު ތަރައްގީ ކުރުމުގެ ގާބިލްކަން އެމްއެންޕީގެ ޓީމެއް ލިބިފައިވާ ކަމަށް ވެސް ޝިދާތާ ވިދާޅުވިއެވެ. އެގޮތުން އެންމެ އިސްކަމެއް ދެއްވާނޭ ކަންކަމުގެ ތެރޭގައި ތައުލީމީ ޒުވާނުން އުފެއްދުމާއި މަސައްކަތްތެރިން ތަމްރީން ކުރުމާއި، ސިއްހީދާއިރާގެ ޚިދުމަތްތައް ފުޅާކޮށް ފަސޭހައިން ޚިދުމަތް ލިބޭނޭގޮތް ހެދުމާއި ރާއްޖެއިން ބޭރަށް ގޮސްގެން ފަރުވާހޯދަންދާންޖެހޭ މީހުންގެ އަދަދު މަދުކުރުމަށްޓަކައި ސިއްހީދާއިރާއަށް ބޮޑެތި ހެޔޮ ބަދަލު ގެންނާނޭ ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އިތުރުން އިސްރަށްވެހީންނަށް މިހާރަށްވުރެ ރަނގަޅު ގޮތްތަކެއް ހަމަޖެއްސުމާއި، އާސަންދައިގެ ބޭނުން މިހާރަށްވުރެ ރަނގަޅަށް ކުރެވޭނޭ އިންތިޒާމްތައް ވެސް ހަމަޖައްސައިދޭން މަސައްކަތްކުރާނޭ ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އިތުރުން ޒުވާނުންގެ ކުރިއެރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކޮށްދިނުމަށް މަސައްކަތް ކުރާނޭ ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އިތުރުން އުމްރާނީ ގޮތުން މުޅިރާއްޖެ ތަރައްގީ ކުރުމަށް ރަނގަޅު ރޭވުމެއްގެ ދަށުން ބޮޑެތި މަޝްރޫއުތައް ހިންގާނޭ ކަމަށް ވެސް ވިދާޅުވިއެވެ.
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓަކީ އެޕާޓީގެ ރައީސް މުހައްމަދު ނާޒިމެވެ.