ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ސްކޫލު ދަރިވަރުންނާއި އާންމު ރައްޔިތުން އަހުލުވެރިކުރުވުމަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމްތަކެއް ފަށައިފިއެވެ. މިއީ މެރިން ޕޮލިހާއި ލޯކަލް ޕޮލިސިންގ ގުޅިގެން ފަށައިފިގެން ކުރިއަށްދާ ޕޮރޮގްރާމްތަކެކެވެ.

ފުލުހުން ވިދާޅުވީ ޕްރޮގްރާމަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނާއި ރާއްޖެއަށް ޒިޔާރަތްކުރާ މީހުންނަށް، ދިވެހިރާއްޖޭގެ ކަނޑުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމާއި ކަނޑުމަތީގައި ދިމާވާ އެކްސިޑެންޓުތަކާއި ހާދިސާތަކުގައި މީހުންނާއި މުދަލަށް ލިބޭ ގެއްލުންކުޑަ ކުރުމަށާއި ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ކަނޑުމަތީގެ ކަންކަމާ ގުޅޭގޮތުން ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ތަބާވާ އަދި އެ ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ބަޔަކަށް ހެދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

މީގެ އިތުރުން ފުލުހުން ވިިދާޅުވީ މި އަހަރުތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކަނޑު އުޅަނދުފަހަރު ދުއްވާ މީހުންނާއި އެ އުޅަނދުފަހަރުގެ ވެރިންނާއި ރަށު ކައުންސިލުތަކާއި އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުންނާއި ސްކޫލްތަކުގެ ދަރިވަރުންނާއި މުދައްރިސުންނަށާއި ބެލެނިވެރިންނަށް މައުލޫމާތުދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

މި ޕްރޮގްރާމް ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ގދ. ތިނަދޫ، ފަރެސްމާތޮޑާ، ގއ. ވިލިނގިލި އަދި ގެމަނަފުށީގައެވެ. އެއީ މި މަހު 3 އިން 7 ހަމައަށް ކުރިއަށްދިޔަ ޕްރޮގްރާމްތަކެވެ.