ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޯވް އިންޑިއާއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން އިންޑިއާ މީހުންނަށް ރަޝިޔާއިން ވިސާ ފަސޭހަކޮށްދީފިއެވެ.

މިއީ ގިނަ ދުވަސްތަކެއް ވަންދެން އިންޑިއާއިން އެދިފައިވާ އެދުމެކެވެ.

ރަޝިޔާގެ ފޮރިން މިނިސްޓަރުގެ ނައިބު ޔެވްގޭނީ އިވާނޯވް މޮސްކޯގައި ވިދާޅުވީ އިންޑިއާގެ އިތުރުން އެންގޯލާ، ވިއެޓްނާމް، އިންޑޮނޭޝިއާ، ސީރިއާ އަދި ފިލިޕީންސްއާ އެކު ވިސާގެ ނިޒާމު ފަސޭހަކުރުމަށް ސަރުކާރުތަކުގެ މެދުގައި އެއްބަސްވުންތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއީ ޔޫކްރޭންގައި ކުރިއަށްދާ އަސްކަރީ ފިޔަވަޅުތަކާ ގުޅިގެން ޔޫރަޕާ ގުޅުން ގޯސްވަމުންދާ ދަނޑިވަޅެއްގައި ރަޝިޔާއިން އޭޝިއާއަށް އަލުން ސަމާލުކަން ދިނުމަށ ކުރާ މަސައްކަތެކެވެ.

އިންޑިއާއިން ގިނަ ދުވަސްތަކެއް ވަންދެން ރަޝިޔާގެ ކަމާބެހޭ ފަރާތްތަކަށް އެދެމުން އައީ އޮމާން ކޮށް އިންޑިއާ މީހުންނަށް ދަތުރުފަތުރު ކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ވިސާގެ ކަންކަމުގައި ލުޔެއް ދޭށެވެ.

ރަޝިޔާއިން ދަނީ އިންވެސްޓަރުން ހޯދުމަށް ގޯލްޑަން ވިސާ ޕްރގްރާމެއް ފެށުމަށްވެސް މަސައްކަތް ކުރަމުންނެވެ.