މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގެ ކަޅުތުއްކަލާ ކޮށީގައި ޖިމް "ސެނަފިޓް ސެންޓަރ" ހުޅުވައިފިއެވެ. މިއީ އެންމެ ޒަމާނީ ވަސީލަތްތަކާއި އެކު ގާއިމް ކުރެވުނު ޖިމެއްކަމަށް އެމްއެންޑީއެފްއިން ވިދާޅުވީއެވެ.

އެމްއެންޑީއެފްއިން އިތުރަށް ވިދާޅުވީ އެކަމަށްޓަކައި ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި "ސެނަފިޓް ސެންޓަރ" ހުޅުއްވައިދެއްވީ ދިފާއީ ވަޒީރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި އުރީދޫ މޯލްޑިވްސްގެ ޗެއަރޕަރސަން ފާތިމާ އަލް ކުވާރީ ކަމަށެވެ.

"ސެނަފިޓް ސެންޓަރ" އަކީ ސިފައިންގެ ގިނަބަޔަކަށް އެއްފަހަރާ ޖިމް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށާއި އަދި ކުރިން ޖިމުން ލިބެންނެތް އައު ވަޞީލަތްތައް ސިފައިންނަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި، ސިފައިންގެ ލީޑަރޝިޕް އިން ވަރަށްބޮޑު އިސްކަމެއްދެއްވައިގެން އުރީދޫ މޯލްޑިވްސްގެ އެހީއާއެކު ޤާއިމްކުރެއްވި ޖިމް އެކެވެ. އަދި މިއީ، އުރީދޫގެ އިތްޖިމާއީ ޒިންމާގެ ތެރެއިން، ޞިއްޙަތާއި ދުޅަހެޔޮކަމަށް އުރީދޫއިން ދޭ އަހައްމިއްޔަތުކަމުގެ ދަށުން، އެމްއެންޑީއެފް އަށް ވެދެއްވި އެހީތެރި ކަމެއްކަމަށް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

މި ޖިމް ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި، އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ޚާލިދު އަލް ހާމާދީއާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންގެ އިތުރުން އުރީދޫ މޯލްޑިވްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.