ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އަންހެނުން އިތުރުކުރުމަށް ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތަކެއް ގެނައުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިއީ މި އަހަރުގެ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސްކަން ފާހަގަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމަށްފަހު، މަޖިލިސް ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ އެންމެ ހަތަަރު އަންހެން ބޭފުޅުން ކަމަށެވެ. އެހެންކަމުން އެ ރޮނގުގައި ދުނިޔޭގެ ރޭންކުގައި ރާއްޖެ އޮތީ 180 ވަނައިގަ ކަމަށެވެ. އަދި މަޖިލީހުގައި އަންހެނުން ހިމެނިގެންދާނޭ ގޮތާ ގުޅޭ ގޮތުން މިއަދު ރާއްޖޭގެ ރައްޔިތުން ވިސްނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމަށްވިޔަސް މި ވަގުތު ރާއްޖޭގެ ޑިޕްލޮމެޓިކް ސާވިސްގައި އެމްބެސެޑަރުންގެ ގޮތުގައި ވަޒީފާ އަދާކުރާ މީހުންގެ ދެބައިކުޅަ އެއްބަޔަކީ އަންހެންބޭފުޅުންކަންވެސް ފާހަގަކުރެއްވިއެވެ. އަދި ވަޒީރުންގެ މަޖިލީހުގެ ދެބައިކުޅަ އެއްބައި ބޭފުޅުންނަކީވެސް އަންހެން ބޭފުޅުންކަން މަޖިލިސް ރައީސް ފާހަގަކުރެއްވިއެވެ. އަދި އޭގެ ތެރެއިން ގިނަ އަންހެން ބޭފުޅުންނަކީ ރާއްޖޭގެ ސިޔާސީ ހަޔާތް ޑިމޮކްރެޓިކް ނިޒާމަށް ބަދަލުކުރުމުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރައްވާފައިވާ އަންހެން ބޭފުޅުން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
"އެ ބޭފުޅުންގެ ގަދަ ހިތްވަރާއި އެ ބޭފުޅުންގެ ހީވާގި މަސައްކަތް އެއީ އަޅުގަނޑުމެން އެންމެންވެސް ބަލައިގަންނަ މަސައްކަތެއް،" ވާހަކަފުޅުފައި މަޖިލިސް ރައީސް ވިދާޅުވިއެވެ. ނަޝީދު އިތުރަށް ވިދާޅުވީ މަޖިލީހުގައި އަންހެނުން ތަމްސީލްވުމަށް ފަހި ގޮތެއް ހޯދައިދިނުމަށް އެންމެން ވެސް މިއަދު އަޒުމު ކަނޑައަޅަންވީ ކަމަށެވެ.
މަޖިލީހުގައި ޖުމްލަ 87 މެންބަރުން ތިއްބަވާއިރު، އޭގެ ތެރޭގައި ހިމެނެނީ އެންމެ ހަތަރު އަންހެނުންނެވެ. އެއީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ އިތުރުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.