ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލީ ދުވަހު ރައީސް މުހައްމަދު ނަޝީދަށް ރޮވުނީ ވީ އުފަލެއްގެ ބޮޑުކަމުން އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ ޔާމީން ޖަލަށްލީ ދުވަހު ރޮވުނު ކަމަށް ނަޝީދު އިއްޔެ ވިދާޅުވުމާ ގުޅިގެންނެވެ.

އެމްޑީޕީ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނު ޖަލައްލީ ދުވަހު ބައެއް ފަރަތްތަކުން އުފާފާޅު ކުރި ކަމަށާއި އެހެން ނަމަވެސް ރައީސް ޔާމީން ޖަލަށްލީ ދުވަހު އެމަނިކުފާނުވީ ދެރަ ކަމަށެވެ.

ނަޝީދަށް ރައްދު ދެއްވައި ސަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމީން ޖަލަށްލީ ދުވަހު ނަޝީދަށް ރޮވުނީ ވީ އުފަލެއްގެ ބޮޑުކަމުން ކަމަށާއި ބާރަކީ ދާދި އަވަހަށް ނެތި ހިނގައިދާނެ ކަމެއް ކަމަށެވެ.

ރައީސް ޔާމީން ޖަލުގައި މިހާރު ހުންނެވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން ލިބުނު އެއް މިލިއަން ޑޮލަރު އެކަންޓަށް ވަތް މައްސަލައިގައި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެގެންނެވެ. އެ މައްސަލަ މިހާރު އޮތީ، ހައި ކޯޓުގެ އިސްތިއުނާފު މަރުހަލާގަ އެވެ.