އަންހެނުން އިސްނަގާ ތަންތަނުން ކާމިޔާބީ ފެންނަކަމަށާއި އެކަންތައް ފާހަގަކޮށް، ދިރިއުޅުން ކާމިޔާބުކުރުމަށް އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ނައްތައިލަން ހުރިހާ ދިވެހިންވެސް ފަރުދީ ޒިންމާ އަދާ ކުރުމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާ މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހިންނަށް އަރިސްކުރަމުން ފޮނުވި މެސެޖެއްގައެވެ. މެސެޖުގައި ޝާހިދު މިއަދުގެ ޝިއާރާ ގުޅުވައިގެން ވިދާޅުވެފައި ވަނީ ދާދިހަލުވި ދުވެއްޔެއްގައި ބަވަނަވަމުންދާ ދުނިޔެއެއްގައި، މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށާއި އަންހެނުން ބާރުވެރިކުރުމަށްޓަކައި ޓެކޮނޮޖީގެ އެހީގައި އީޖާދީ ޚިޔާލުތަކާއި އުފެއްދުންތެރި ވިސްނުމުގެ ބޭނުންތެރިކަމުގެ މުހިއްމުކަން ބަލައިގަންނަންޖެހޭ ކަމުގައެވެ.

"އަޅުގަނޑުމެންނ މިފާހަގަކުރަނީ، އަދުގެ ދުނިޔެ ބައްޓަންކުރުމުގައި އަންހެނުން އަދާކޮށްފައިވާ ދައުރާއި އެމީހުންގެ ކާމިޔާބީތައް. އަދި، ކޮންމެ އަންހެނަކަށްވެސް، އެމީހެއްގެ އެންމެ ފުރިހަމަ ޕޮޓެންޝަލް ހާޞިލްކުރުމުގެ ފުރުޞަތު ކަށަވަރުކޮށްދިނުމަށް އަޅުގަނޑުމެން ވެފައިވާ ވަޢުދު މިއަދު އައު ކުރަން. މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ޝިޢާރަކީ "ޑިޖިޓޯލް: އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ފޮރ ޖެންޑަރ އީކުއާލިޓީ."

އަދިވެސް އިތުރަށް މެސެޖުގައި ވާ ގޮތުގައި އީޖާދީ ވިސްނުމަކީ ހެޔޮބަދަލުގެ ތަޅުދަނޑި އަދި ޓެކްނޮލޮޖީގެ އާ އުފެއްދުންތައް ބަލައިގަނެ ބޭނުންކުރުންކަމެވެ. އަދި އަންހެނުންގެ ހުނަރުތަކާއި ޢިލްމު ކުރިއެރުވުމަށް ބާރުއެޅުމަކީ މިންތީގެ ހަމަހަމަކަން ހާސިލްކުރުމަށް ކުރަންޖެހޭ ކަންކަން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

"އަންހެނުން ބާރުވެރިކުރުވާ ސިޔާސަތުތައް އެކަށައަޅައި ތަންފީޒުކުރުމަށް ވަކިން ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތްކުރަންޖެހޭ. އެމީހުންގެ ފުރިހަމަ ޕޮޓެންޝަލް ހާޞިލްކުރުމަށް ތަފާތުކުރުމެއް ނެތި، ހަމަހަމަކަމާއި އެކު އެކަމަށް ވާސިލްވުމަށް ބޭނުންވާ ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދޭންޖެހޭ."

ޝާހިދުގެ މެސެޖުގައިވާ ގޮތުން ދިވެހިރާއްޖޭގެ ލޯކަލް ކައުސިލްތަކުގެ ތިންބައިކުޅަ އެއްބައި ގޮނޑިތަކަކީ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑިތަކެކެވެ. މިފަދަ ސިޔާސަތުތަކުގެ ސަބަބުން، އެކިއެކި ފަންތީގައި ނިންމާ ނިންމުންތަކުގައި އަންހެނުންގެ ޚިޔާލުތަކާއި، ތަޖުރިބާ އަދި އިސްނެގުން ހިމެނޭކަން ކަށަވަރުކުރެވިގެންދެއެވެ. އަދި، ރާއްޖެއިން އެކި ޤައުމުތަކަށް ކަނޑައަޅާފައިވާ ޑިޕްލޮމެޓިކް މިޝަންތަކުގެ އިސްވެރީންގެ ފަންސާސް އިންސައްތައަކީ އަންހެން ކަނބަލުންކަން ވަރަށް ފަޚުރުވެރިކަމާއިއެކު ފާހަގަ ކުރައްވައި ވިދާޅުވީ މިންތީގެ ހަމަހަމަކަން ޚާރިޖީ ދާއިރާއިން ހާސިލްކުރުމަށް މިފަދަ ފިޔަވަޅުތައް އެޅިފައިވާކަމީ، ދިވެހިރާއްޖެ ފަދަ ކުޑަ ޤައުމަކަށް ލިބޭ ޝަރަފެއް ކަމުގައެވެ.

"އެއްވެސް ޤައުމަކަށް އެޤައުމެއްގެ ހުރިހާ ފަންތިއަކާއި ގިންތިއެއްގައި މިންތީގެ ހަމަހަމަކަން ކަށަވަރުކުރެވިފައިވާކަމަކަށް ނުބުނެވޭނެ. ހުރިހާ ޤައުމެއްގައި ވެސް މިލަނޑުދަނޑި ޙާޞިލުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން. ނަމަވެސް، ކަނޑައެޅި ހާމަވެފައިވާ ޙަޤީޤަތަކީ އަންހެނުން އިސްނަގާ ތަންތަނުން ކާމިޔާބީ ފެންނަކަން." މީގެ އިތުރުން އަންހެން ލީޑަރުންގެ ސަބަބުން ދުނިޔޭގައި ފެންނަ ހެޔޮބަދަލު މިއަދު ފާހަގަކުރަން އެބަ ޖެހޭ ކަމަށާއި ހަމަ މި ބީދައިން، މިފަދަ އިސް މަޤާމުތަކަށް މިހާރަށް ވުރެ ގިނަ އަންހެނުން ވާސިލްކުރުވުމަށާއި އެމަޤާމުތަކުގައި އެމީހުން ދެމިތިބުމަށް ބާރުއެޅުމަށެވެ.

އެމަނިކުފާނުގެ މެސެޖު ނިންމަވައިލައްވަމުން ވިދާޅުވެފައި ވަނީ ދިރިއުޅުން ކާމިޔާބުކުރުމަށް އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެންމެންވެސް ފަރުދީ ޒިންމާ އަދާކުރުމަށެވެ.