ޕާކިސްތާންގެ ލާހޯރުގައި ސީރިއަސް ސަލާމަތީ ނުރައްކާތަކެއް ހުރިކަމަށް ބުނެ އެ ޕްރޮވިންސްގެ ވަގުތީ ސަރުކާރުން ވަނީ ބޭރަށް ނިކުމެއުޅުން މަނާ ކޮށްފައެވެ.

ޕާކިސްތާނުގެ ޑޯން ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ލާހޯރުގައި އެޅި ފިޔަވަޅުތަކާ ގުޅިގެން ޕީޓީއައިގެ ޗެއާމަން އިމްރާން ޚާން ވަނީ ޕާޓީ ސަޕޯޓަރުންނާއެކު ބާއްވަމް އުޅުއްވި އެއްވުންވެސް ކެންސަލް ކުރައްވާފައެވެ.

ޕީޓީއައި އިން ރޭވާފައި އޮތީ އިމްރާން ޚާންގެ ހުންނަ ޒަމާން ޕާކުން ފެށިގެން ހިނގާލުމެއް ބާއްވާށެވެ.

ނަމަވެސް ސަރުކާރުން ބުނެފައި ވަނީ އެއްވެސް އެއްވުމެއް ނޫނީ ހިނގާލުމެއްވެސް ބޭއްވުމަކީ ސަލާމަތީ ގޮތުން މިވަގުތު ހުއްދަ ދެވޭނެ ކަމެއް ނޫން ކަމަށެވެ.

ޕާކިސްތާނުގައި ސިޔާސީ ހަމަނުޖެހުމާއެކު، ތަހްރީކޭ ތާލިބާނުގެ ޓެރަރިސްޓް ހަމަލާތައްވެސް ވަނީ އިތުރު ވެފައެވެ.