ގައުމު ބަނގުރޫޓުކުރަން މަސައްކަތްކުރާ ފަރާތްތަކާ ގައުމުގެ ވެރިކަން ހަވާލުކުރަން ހެޔޮނުވާނޭ ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު އޭނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ އިގްތިސާދު ބަނގުރޫޓު ވެއްޖެކަމަށް ވެސް ބަޔަކު ވަނީ އިއުލާން ކުރައްވާފައި ކަމަށެވެ. އެކަން އެގޮތަށް އިއުލާންކޮށް އެކަމަށް ވަކާލާތު ކުރަމުންދާ ބަޔަކަށް އިގްތިސާދު މެނޭޖުކުރުމުގެ ގާބިލަކަން ނެތްކަން އަމިއްލައަށް ފާޅުކުރާ ޚިޔާލުތަކުން ފެންނަން އޮތް ބަޔަކާ ވެރިކަން ހަވާލުކުރަން ހެޔޮވާނޭތޯ ވެސް ޝަރީފް ވަނީ ސުވާލު އުފައްދަވައިފިއެވެ. އެހެންނަމަވެސް އެއީ ކޮންބައެއްކަމެއް ޝަރީފް ވިދާޅެއް ނުވެއެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭގައި ކޮވިޑްގެ އާލަމީ ވަބާ އޮތް ދުވަސްވަރު ދައުލަތުގެ ބައެއް މުވައްޒަފުން ކަނޑާލައި މުސާރަ ކުޑަކުރުމަށް ބައެއް ސިޔާސީ ފަރާތްތަކުންނާއި ޚާއްސަކޮށް އެމްޑީޕީތެރެއިން ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ފިއްތުންތައް ކުރިމަތި ކުރެއްވި ކަމަށެވެ. އެހެންނަމަވެސް އެ ފިއްތުންތަކަށް ބޯލެންބެވުމެއްނެތި ރައީސް ވަނީ ވިޔަފާރިތަކަށް ދެއްވަމުން ގެންދެވި އެހީތެރިކަން ކުރިއަށް ގެންގޮސްފައި ކަމަށެވެ.

ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ވެއްޓުނު ވަޅުގަނޑުން އަރައިގަނެވުނީ ސްޓިމިޔުލަސް ޕެކޭޖުތައް ތަންފީޒު ކުރެއްވީތީ ކަމަށް ވެސް ޝަރީފް ވިދާޅުވެފައިވެއެވެ.

ރާއްޖެ މީހާރު ވެސް ވަނީ އިގްތިސާދީ ގޮތުން ބަނގްރޫޓުވެފައި ކަމަށް މަޖިލިސްތެރޭގައި ވެސް ބައެއް މެމްބަރުން ވަކަލާތު އެބަކުރައްވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.