ވިލިމާލޭ ޕޮލިސް ކަސްޓޯޑިއަލްގައި ބަންދުކޮށްފައި ވަނިކޮށް އެތަނުން ފިލި މީހަކަށް ކްރިމިނަލް ކޯޓުން ޖަލުހުކުމެއް ބަދަލުކޮށް 21،600 ޖޫރިމަނާގެ ހުކުމެއް އިއްވައިފިއެވެ. މި މީހާއަށް އަންނަން ޖެހޭ ހުކުމަކީ އަސާސީ މިންގަނޑުން ނަމަ ޖަލުހުކުމެއް ނަމަވެސް އޭނާ ކުށަށް އިއުތިރާފު ވުމުން އެއްދަރަޖަ ދަށްކޮށް ހުކުމް ޖޫރިމަނާއަކަށް ވަނީ ބަދަލުކޮށްފައެވެ.

މ. ހިއްސާ/ އާޒިފު އަބްދުލް ހަލީމު ކްރިމިނަލް ކޯޓުގެ އަމުރަކަށް 15 ދުވަހަށް ބަންދުކުރުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހުގެ ހަވީރު، ވިލިމާލޭ ކަސްޓޯޑިއަލްގައި ބަންދުކޮށްފައި ހުއްޓާ، އެސްޓޭޝަނުން ފިލައިގެން ދިއުމުން އޭނާގެ މައްޗަށް ދައުލަތުން ކުރި "ޖިނާއީ ބަންދަކުން ފިލުމުގެ ކުށުގެ ދައުވާ"ގެ މައްސަލައެވެ.

އާޒިފު ވަނީ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި މި ކުށަށް އިއުތިރާފުވެފައެވެ. އޭނާގެ މި އިއުތިރާފުގެ ސަބަބުން މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިޔައީ އަވަސް ނިޔާ ގެ ގޮތުގައެވެ. އާޒިފު ވަނީ އަވަސް ނިޔާގެ އަޑުއެހުމުގައިވެސް އޭނާގެ އިއުތިރާފު ދަމަހައްޓައިފައެވެ.

އާޒިފް ކުރި ކުށުގެ އަސާސީ މިންގަނޑުން އަންނާނޭ ހުކުމަކީ 4 މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް އޭނާ ކުށަށް އިއުތިރާފުވުމުން އަސާސީ މިންގަނޑުން އެއް ދަރަޖަ ދަށް ކުރަން ޖެހޭކަން ދައުލަތުން ޝަރީޢަތުގައި ފާހަގަ ކުރުމުގެ ސަބަބުން އެ އަދަބު ވަނީ ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްފައެވެ.

ދައުލަތުން މިގޮތަށް ފާހަގަ ކޮށް ޝަރީއަތަށް ހުށަހެޅުމުން ކްރިމިނަލް ކޯޓުގެ ޝަަރީއަތުން ހުކުމް އިއްވީ އާޒިފްގެ މައްޗަށް ތިން މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ނަމަވެސް އެ ޖަލު އަދަބު 21،600 ރުފިޔާގެ ޖޫރިމަނާގެ އަދަބަކަށް ބަދަލުކުރުމަށެވެ. އެހެންކަމުން އާޒިފްގެ ހުކުމަކީ ކުރިއަށް އެއް އަހަރުތެރޭގައި 21،600 ރުފިޔާގެ މި ޖޫރިމަނާ މީރާއަށް ދައްކައި ހަލާސް ކުރުމެވެ. މި ޝަރީއަތުގެ ގާޟީ އަކީ ގާޟީ އާދަމް މުހައްމަދުއެވެ.