އެމެރިކާގެ ޖާސޫސީ އިދާރާތަކުން ތައްޔާރު ކުރާ އަހަރުގެ ތެރޭގައި ޖާސޫސީ ނުރައްކާ އޮންނަ މިންވަރާ ބެހޭ ރިޕޯޓްގައި ބުނެފައި ވަނީ އިންޑިއާއާއި ޗައިނާއިން މައްސަލަ ޖެހިފައިވާ ބޯޑަރުގައި ސިފައިން ރުކުރުވާލުމުން ދެ ނިއުކްލިއާ ބާރުގެ މެދުގައި ހަތިޔާރު އެޅި ކުރިމަތިލުމެއް ހިނގުމުގެ ނުރައްކާ ބޮޑު ކަމަށެވެ.

އެމެރިކާގެ ޖާސޫސީ އިދާރާތކުން ތައްޔާރުކޮށްފައިވާ ރިޕޯޓްގައި ބުނެފައި ވަނީ މިކަމަކީ، އެމެރިކާގެ ބައިވެރިންނާއި އެމެރިކާގެ މަސްލަހަތުތަކަށް އޮތް ސީދާ އިންޒާރެއް ކަމަށެވެ.އަދި މިއީ އެމެރިކާއިން ބެހެން ޖެހޭފަދަ ކަމެއް ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ ދިހަވަރަކަށް އަހަރު ތެރޭގައި ދެގައުމުގެ ދެމެދުގައި ހިނގި އެންމެ ސީރިއަސް ހަމަނުޖެހުން ކަމަށްވާ 2020 ވަނަ އަހަރު ހިނގި ގަލްވާން ވާދީގެ ހަމަނުޖެހުމުގެ ސަބަބުން އިންޑިއާ އާއި ޗައިނާގެ ގުޅުން ގޯސްވެފައި އޮންނާނެ ކަމަށެވެ.

މީގެ ކުރިން އިންޑިއާ އާއި ޗައިނާއާ ދެމެދުގެ ކުރިމަތިލުންތަކަށް ބަލައި ރިޕޯޓްގައި ބުނެފައި ވަނީ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް (އެލްއޭސީ) ގައި ދިގު މުއްދަތަކަށް ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް އޮންނާނެ ކަމަށެވެ.

ލައިން އޮފް އެކްޗުއަލް ކޮންޓްރޯލްގައި ޗައިނާއާ އެކު މިހާރު ހިނގަމުންދާ އަސްކަރީ މައްސަލަތަކުގެ ތެރޭގައި، އިންޑިއާގެ ސިފައިން ޗައިނާގެ މޯބައިލް ފޯނު ބުރޭންޑްތައް ބޭނުން ނުކުރާކަން ޔަގީން ކުރުމަށް ސިފައިންގެ އިދާރީ ވެރިންނަށް ޑިފެންސް އިންޓެލިޖެންސް އިދާރާތަކުން ދާދި ފަހުން ވަނީ ލަފާދީފަ އެވެ.

އިންޑިއާގެ އިދާރާތަކުން މި އެޑްވައިޒަރީ ނެރުނީ ޗައިނާގައި އުފައްދާފައިވާ މޯބައިލް ފޯނުތަކުން މެލްވޭއާ އާއި ސްޕައިވެއާ ފެނިގެން ކުރި ތަހުގީގަކަށް ފަހުއެވެ.

އިންޑިއާގެ ބާޒާރުގައި ލިބެން ހުރި ޗައިނާގެ މޯބައިލް ފޯނުތަކުގެ ތެރޭގައި ވައިވޯ، އޮޕޯ، ޝިއޯމީ، ވަން ޕްލަސް، އޮނަރ، ރިއަލް މީ، ޒެޑްޓީއީ، ޖިއޮނީ، އަސުސް އަދި އިންފިނިކްސް ހިމެނެއެވެ. ޖާސޫސީ އިދާރާތަކުން ވަނީ މީގެ ކުރިން ވެސް ޗައިނާގެ މޯބައިލް ފޯނު އެޕްލިކޭޝަންތަކާ ދެކޮޅަށް ހަރަކާތްތެރިވެފަ އެވެ.