އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނިންއަށް ދިން ހަމަލާއެއްގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދު ކޮށްލައިފިއެވެ. މި ހަމަލަ ދީފައި ވަނީ ޖެނިންއަށް ދިން އިތުރު ޙަމަލާއެއްގައި ހަ މީހަކު ޝަހީދުކޮށްލިތާ 48 ގަޑިއިރުވެސް ނުވަނީހެވެ.

ޒަޔަނިސްޓް ސިފައިން ބުރާސްފަތި ދުވަހުގެ ހެނދުނު ބަޑިޖަހައި މަރާލި ތިން މީހުންނަކީ 22 އަހަރާއި 26 އަހަރާއި 25 އަހަރުގެ ތިން ޒުވާނުންނެވެ.

ޒަޔަނިސްޓް އިސްތިއުމާރީ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބޯޑަރު ފުލުހުންނާއި ސިފައިންނާއި ޖާސޫސީ އިދާރާތައް ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނަކީ ޔަހޫދީ ސިފައިންނަށް އަމާޒުކޮށްގެން ފަލސްތީނު މީހުން ބަޑި ޖަހާފައިވާތީ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ.

އަލްޖަޒީރާ އިން ބުނެފައި ވަނީ ޝަހީދުކޮށްލި ފަލަސްތީނުގެ ތިން މީހުންނަކީ ފަލަސްތީނުގެ އިސްލާމިކް ޖިހާދުގެ ޖަބާ ބްރިގޭޑްސްގެ ހަނގުރާމަވެރިން ގެ ބައެކެވެ.