ނ. މާޅެންދޫގައި ގާއިމްކުރާ ފެނާއި ނަރުދަމާގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މާޅެންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އެމްޑަބްލިއުއެސްސީއާއެވެ. އެގޮތުން މާޅެންދޫއަށް ދިމާވެފައިވާ ފެނާއި ނަރުދަމާގެ މައްސަލަ ޙައްލުކުރުމަށް ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވަނީ 43 މިލިއަން ރުފިޔާއަށެވެ.

މާޅެންދޫގައި ގާއިމުކުރާ ފެނާއި ނަރުދަމާގެ މަޝްރޫޢަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި އެރަށަށް ގެންގޮސް ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި ފެން ޕްލާންޓް ބެހެއްޓުމަށް ތަރައްގީކުރާ ޢިމާރާތުގެ 26 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޑަބްލިއުއެސްސީން ހާމަކުރެއެވެ.

މިމަޝްރޫޢުގެ ދަށުން މާޅެންދޫގައި 11.7 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް އެޅުމަށްވަނީ ހަމަޖެހިފައެވެ. އަދި ފެންޕްލާންޓްގެ ޢިމާރާތާއި ފެން އުފެއްދުމަށް ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށް ބޭނުންވާ 250 ކިއުބިކް މީޓަރުގެ ތިން ތާންގީ ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. ހަމައެއާއެކު ގޭބިސީތަކުގައި ފެން މީޓަރު ބަހައްޓާ ފެނުގެ ކަނެކްޝަން ގުޅާއިދިނުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން ބުނެއެވެ.