ދުނިޔޭގެ އެންމެ ބޮޑު ޓްރޭޑިންގފެއާ، ޖަރުމަނުގެ ވެރިރަށް ބާލިންގައި ކުރިއަށްދިޔަ، "އައިޓީބީ ބާލިން 2023" ގައި ދިވެހި ސަގާފަތް ދެއްްކުމަށް ދިވެހި ދެޖިންސުގެ ޒުވާނުން ހިމެނޭ ގްރޫޕަކުން ނެށި ގޮތަށް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. މިނެށުން ސޯޝަލް މީޑިޔާގައި އާންމު ވުމާއެކު ގިނަ ފަރާތްތަކުން އެކި ގޮތްގޮތަށް އެކި ގޮތްގޮތަށް ކިޔަން ފެށި ފާޑުކިޔުންތަކަށް އަދިވެސް އަންނަނީ ހުއްޓުމެއް ނެތި އިތުރުވަމުންނެވެ.

މިދިޔަ އަންގާރަ ދުވަހުން މިއަދުގެ ނިޔަލަށް ކުރިއަށް ދިޔަ ބާލިންގ ފެއާ އަކީ ކޮންމެ އަހަރަކުވެސް އެންމެ ގިނަ ދިވެހި ނެށުންތެރިން އެންމެ އިންތިޒާރު ކުރާ އެއް ފެއާރއެވެ. އަދި އެއީ އެ ފެއާރއަށް ދާން ފުރުސަތު ލިބިގެން ދާ ފަރާތްތަކަށް ރަނގަޅު އުޖޫރައެއް ކަނޑައެޅި އެތައް ތައްޔާރީތަކަކާއެކު ދާ ފެއާރއެއްވެސް މެއެވެ.

ކޮންމެ އަހަރަކުވެސް މިފެއާގެ ވާހަކަ ގަދައަށް އިވެއެވެ. އެހެންނަމަވެސް މިފަހަރު ބާލިންގައި ކުރިއަށްދިޔަ އެ ފެއާގައި ދިވެހި ސަގާފަތް ދައްކާލަން ޕްރޮފެޝަނަލް ނަށާ ގުރޫޕެއް ކަމަށްވާ "ޑައިނިސިއެކް" އިން ދެއްްކި ނެށުމަށް އެތައް ގޮތަކަށް ފާޑު ކިޔާފައި ވެއެވެ. ދިވެހި ދިގުހެދުން ލައި، ފޭލި އަނދެގެން ތިބެ ދިވެހި ސަގާފީ ނެށުމެއް ނޫންކަމަށް އެކި ދިމާތަކުގައި ޕޯސްޓުތައް ވަނީ އާންމުވެފައެވެ. ދިވެހި ސަގާފަތާއި އިސްލާމް ދީނަށް މަލާމާތްކޮށް ޖެއްސުން ކުރާފަދަ ކަމެއް ކަމަށް އެއްބަޔަކު ބުނާ އިރު އަނެއްބަޔަކު އެކަން ރާވައި ހިންގާ ފަރާތްތަކަށް ވެސް އަންނަނީ ފާޑު ކިޔަމުންނެވެ.

އަދި ބައިނަލްއަގުވާމީ ޕްލެޓްފޯމެއްގައި ދިވެހި ސަގާފީ ނެށުމުގެ ނަމުގައި، ދިވެހި ހެދުން ލައިގެން އެ ނެށުން ދައްކައި އެކުރީ ލަދުވެތި ކަމެއް ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެކި ޕޯސްޓުތަކުގައި އެކި ޓުވީޓުތަކުގައި އެކި ގޮތްގޮތަށް ބުނެފައި އޮތަސް ދައްކާފައި ވަނީ އެއް ވާހަކައެކެވެ. ޒަމާނާ އެއްގޮތަށް ކަންތައް ބަދަލު ކުރުމަށް އެންމެންގެވެސް އެއްބާރުލުމާއިތަރުހީބު އޮތަސް ބައިނަލް އަގުވާމީ މިފަދަ އެތައް ބަޔަކު ބަލައި އެކަކު އަނެކަކަށް ހިއްސާ ކުރާ ފަދަ ފެއާ އެއްގައި ކޮށްފައި މި އޮތީ ދިވެހި ސަގާފަތަކީ ލިޔެވިފެންނަން އޮތް ގޮތާ ހިލާފު ލަދުވެތި ހުތުރު މަންޒަރުތަކެއް ކަމަށް ބުނެ ޓުވީޓުކޮށްފައި ވެއެވެ. އަދި ބައެއް ޕޯސްޓުތަކުގައި އެއްވެފައި ތިބި ބައެއް ވެރިންނާވެސް ސުވާލު އުފައްދާފައި ވެއެވެ.

އައިޓީބީ ބާލިން އަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްތަނަކުން ބައްދަލުވާ ފެއާއެކެވެ، މިއީ ވިޔަފާރި ކުރިއަރުވައި އިޝްތިހާރު ކުރުމަށް ހުޅުވާލެވިފައިވާ ބޮޑު ޕްލެޓްފޯމެކެވެ. ދުނިޔޭގައިވެސް ފަތުރުވެރިކަމުގެ ދާއިރާއިން ބާއްވާ އެންމެ ބޮޑު އެ ފެއާގައި ރާއްޖެއިން ކޮންމެ ފަހަރަކުވެސް ބައިވެރިވެއެވެ. އެންމެ ފަހަށް މި ބޭއްވި ބާލިން 2023 ގައި ރާއްޖޭގެ ސަގާފަތް ދައްކާލުމަށްޓަކައި ގްރޫޕްތަކުން ބައިވެރިވާ މީހުންނާއެކު، 300 އެއްހާ މީހުން ރާއްޖެއިން ބައިވެރިވެފައި ވެއެވެ.

އެހެންކަމުން މިފަދަ ނެށުމެއް ބައިނަލްއަގުވާމީ ޕްލެޓްފޯމެއްގައި ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ ސަގާފަތް ދެއްކަން ހުއްދަ ދީ މިކަމަށް މަގުފަހު ކުރީ ކޮން ބައެއްތޯ ވެސް އަހައި ސުވާލު އުފައްދައިފަވެއެވެ. ހަމައެއާއެކު މިއީ އެއްގޮތަކަށްވެސް ރާއްޖޭގެ ސަގާފީ ނެށުން ބޭރުގެ ދުނިޔެއަށް ދައްކައިގެން ވާނެ ގޮތް ނޫންކަން ދިވެހިންގެ އެތައް ބަޔަކު ވަނީ ފާހަގަ ކޮށްފައެވެ. ރޭވެ އަނެއް ދުވަހަށް ފެށެން ދާއިރު އަދިވެސް ސޯޝަލް މީޑިޔާ ތެރޭގައި މިކަމަށް ބަސްބުނުން އަންނަނީ އިތުރުވަމުންނެވެ.

ބައެއް ސަމާސާ މަލާމާތުގެ ތައުރީފުވެސް ބައެއް ފަރާތްތަކުން ވަނީ ކޮށްފައެވެ. އެގޮތުން އެއީވެސް އާޓެއް ކަމަށްވުނެ މިއީ ސަގާފީ ނެށުމެއް ނޫންކަމަށާއި މިއީ އާޓެއްކަމަށް އަދި ވަރުގަދަ ގަދަފަދަ ނެށުމެއް ކަމަސްވެސް ބުނެފައިވެއެވެ. ކޮންމެއަކަސް މައިގަނޑު ގޮތެއްގައި ދިވެހިންގެ ގިނަބައެއްގެ ހިތްހަމަނުޖެހުންތައް އަދިވެސް އަންނަނީ ބާލިން ފެއާ ގައި، ދިވެހިންގެ ސަގާފީ ނެށުމެއް ދެއްކުމަށް ދެޖިންސުގެ ދިވެހިން ސަގާފީ ގޮތަށް ފަރުމާކުރެވިފައިވާ ފާޑުގެ ހެދުންތަކެއްގައި، "ޑައިނިސިއެކް" އިން އެދެއްކި ނެށުމަށް ބަސްބުނެ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.