ޔުއެފާ ޔުރޮޕާ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ސްޕެއިނުގެ ރެއާލް ބެޓިސްގެ މައްޗަށް 4-1 ގެ ބޮޑު ތަފާތަކުން މެންޗެސްޓަރ ޔުނައިޓެޑް ރޭ ކުރި ހޯދައިފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑުގައި ކުޅުނު މިމެޗުގައި ބެޓިސްގެ ގޯލު ޔުނައިޓެޑުން ފޫއަޅުވާލީ މެޗުގެ 6 ވަނަ މިނެޓުގައި މާކަސް ރަޝްފާޑެވެ. އެކަމަކު ފުރަތަމަ ހާފް ނިމުމުގެ ކުރިން އަޔޯޒް ޕެރޭޒްގެ ލަނޑުން ބެޓިސްއިން އެއްވަރު ކުރިއެވެ.

މިދިޔަ ހަފްތާގައި ޕްރިމިއަރ ލީގުގައި ވާދަވެރި ލިވަޕޫލް އަތުން 7-0 ގެ ބޮޑު ތަފާތަކުން ބަލިވެފައިވާ ޔުނައިޓެޑުން މެޗުގައި ދެވަނަ ފަހަރަށް ލީޑް ނެގީ 52 ވަނަ މިނެޓުގައި އެންޓޮނީގެ ލަނޑުންނެވެ. އޭގެ ހަމިނެޓް ފަހުން ލީޑް އިތުރަށް ފުޅާކޮށްދިނީ ފެނާންޑޭޒްއެވެ. ޔުނައިޓެޑުގެ ހަތަރު ވަނަ ލަނޑު 88 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މިސީޒަނުގައި އެޓީމާ ގުޅުނު ނެދަލޭންޑްސް ގައުމީ ޓީމުގެ ފޯވާޑް ވޯޓް ވެގްހޯސްޓެވެ.

މިއީ ޔޫރަޕުގެ އެއްވެސް މުބާރާތެއްގައި ބެޓިސް އާއި ޔުނައިޓެޑް ބައްދަލު ކުރި ފުރަތަމަ މެޗެވެ. އަނެއްކޮޅުން މިއީ އަމިއްލަ ދަނޑުގައި ކުޅެ ޖެހިޖެހިގެން 15 މެޗުގައި ދެލަނޑު ނުވަތަ އެއަށްވުރެ ގިނަ ލަނޑު ޔުނައިޓެޑުން 2000 ވަނަ އަހަރުގެ ފަހުން ޖެހި ފުރަތަަ ފަހަރެވެ.

ޔުރޮޕާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އާސެނަލް އާއި ސްޕޯޓިން ބައްދަލު ކުރި މެޗް 2-2 އިން އެއްވަރުވިއިރު ޔުވެންޓަސް ވަނީ ފްރެއިބާގް އަތުން 1- އިން މޮޅުވެފައެވެ. މަޝްހޫރު ކޯޗް ހޯސޭ މޮރީނިއޯގެ ރޯމާއިން އަމިއްލަ ދަނޑުގައި 2-0 އިން ރެއާލް ސޮސިއެޑާޑް ބަލިކުރިއިރު ފެނަބާޗޭގެ މައްޗަށް ސެވިއްޔާއިންވެސް ކުރި ހޯދީ 2-0 އިންނެވެ.