އޭސީ މިލާން ދޫކޮށް ޕީއެސްޖީއަށް ބަދަލު ވެވުނީތީ ހިތާމަ ނުކުރާކަމަށާއި ޕީއެސްޖީއަށް ބަދަލުވެވުނީތީ ފަހްރުވެރިވާކަމަށް އިޓަލީ ގައުމީ ޓީމުގެ ކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ބުނެފިއެވެ.

ދުނިޔޭގެ މޮޅު ގޯލް ކީޕަރުގެ މަގާމް 2021 ވަނަ އަހަރު ހޯދި ޑޮންނަރުއްމާ މިމޭރުމުން ވާހަކަ ދެއްކީ، މިދިޔަ ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގް ދެވަނަ ބުރުން ބަޔާން މިޔުނިކް އަތުން ދެލެގުގެ އެގްރިގޭޓުން 3-0 އިން ބަލިވެ ޕީއެސްޖީ ކެޓިއިރު، ހަމައެރޭ ޓޮޓެންހަމް ބަލިކޮށް އޭސީ މިލާން ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލަށް ދިޔުމާއި ގުޅިގެން އިޓަލީގެ މީޑިޔާތަކުން އޭނާއާ ކުރިމަތި ކުރި ސުވާލުތަކަށް ޖަވާބު ދެމުންނެވެ.

"މިލާން ކުއާޓާއަށް ދިޔައީމަ އަހަރެން އުފާނުވާންވީ ކީއްވެ؟ މިލާނާމެދު އަހަރެން އުފާވޭ. އަދި ޕީއެސްޖީއަށް ބަދަލުވެވުނީ އަހަރެން ހިތާމައެއްވެސް ނުކުރަން. ޕީއެސްޖީގެ ކުޅުންތެރިއަކަށްވީތީ އަހަރެން ފަހްރުވެރިވަން" އިޓަލީގެ "ޑެއްލޭ ސްޕޯޓް" އަށް ދިން ބަސްދީގަތުމެއްގައި ޑޮންނަރުއްމާ ބުންޏެވެ.

މިހާރު އުމުރުން 24 އަހަރުގެ ޑޮންނަރުއްމާ ޔޫރަޕުގެ ބޮޑެތި ކްލަބުތަކުގެ ލޮލުގައި އަޅައިގަތީ މިލާނުގައި 2020-2021 ސީޒަނުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. މިލާނުން އެފަހަރު ލީގުގެ ދެވަނަ ހޯދައި 2014 ވަނަ އަހަރަށްފަހު ޗެމްޕިއަންސް ލީގުން ޖާގައެއް ކަށަވަރު ކުރިއެވެ. މީގެ އިތުރުން 2021 ވަނަ އަހަރު އިޓަލީއިން ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމުގައިވެސް ޑޮންނަރުއްމާގެ ހިއްސާ ބޮޑެވެ.

2021 ވަނަ އަހަރު، މިލާނާއެކު ޑޮންނަރުއްމާ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާތީ، ކޮންޓްރެކްޓް އާކުރުމުގެ މަޝްވަރާތައްވެސް ކޮންމެވެސް ވަރަކަށް ކުރިއަށް ދިޔައެވެ. އެކަމަކު ޑޮންނަރުއްމާ ޑިމާންޑް ކުރި ވަރުގެ މުސާރައެއް ދިނުމަށް މިލާނަށް އެއްބަސް ނުވެވުނީއެވެ. ޕީއެސްޖީއަށް 2021 ވަނަ އަހަރުގެ ޖޫން މަހު ޑޮންނަރުއްމާ ބަދަލުވީ 5 އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސީޒަނަކަށް 8 މިލިޔަން ޔޫރޯއަށެވެ.