އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށް "ބިނާކުރުވަނިވި މަޝްވަރާތައް" ކުރިއަށް ގެންދިއުމަށް އެމެރިކާއިން ތާއީދުކުރާކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވީ "އަޅުގަނޑުމެން ތާއީދުކުރަނީ ބިނާކުރަނިވި މަޝްވަރާތަކަށް. އަޅުގަނޑުމެން ތާއީދުކުރަނީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށް ޑިޕްލޮމެސީގެ ބޭނުން ހިފުމަށް" ނަމަވެސް ޕްރައިސް ވިދާޅުވީ އެ ކަންކަން ނިންމަން ޖެހޭނީ އިންޑިއާ އާއި ޕާކިސްތާނުން އަމިއްލައަށް ކަމަށްވެސް އެނާ ވިދާޅުވިއެވެ.

ޕާކިސްތާނުން އަންނަ ޓެރަރިޒަމްގެ މައްސަލަތަކާ ގުޅިގެން ދެގައުމުގެ ގުޅުން އަހަރުތަކެއް ވަންދެން ވަނީ ނުތަނަވަސްކަމަކަށް ވެއްޓިފައެވެ.

ޕާކިސްތާނުން ބުރާސްފަތި ދުވަހު ނިންމާފައި ވަނީ މާޗް 10-12 އަށް ނިއުދިއްލީގައި ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ) ގެ އުއްތަމަ ފަނޑިޔާރުންގެ ބައްދަލުވުމުގައި އިސްލާމްއާބާދުން ބައިވެރި ނުވުމަށެވެ.

"އެސްސީއޯގެ ހީވާގި އެއް މެމްބަރުގެ ގޮތުގައި ޕާކިސްތާނުން ގަވާއިދުން އެސްސީއޯގެ ހުރިހާ ހަރަކާތްތަކެއްގައި ބައިވެރިވެ، އެ ހަރަކާތްތަކުގެ ނަތީޖާއަށް ބިނާކުރަނިވި ގޮތެއްގައި އެހީތެރިވެދެ މުން ގޮސްފައިވޭ" ޕާކިސްތާންގެ ފޮރިން އޮފީހުގެ ތަރުޖަމާނު މުމްތާޒް ޒަހުރާ ބަލޫޗް ނެރުނު ބަޔާނެއްގައި ވިދާޅުވި އެވެ.

އިންޑިއާގައި ބާއްވާ އެސްސީއޯގެ އުއްތަމަ ފަނޑިޔާރުންގެ ބައްދަލުވުމަށް ހާޒިރުނުވާނެ ހަމައެކަނި މެމްބަރަކީ ޕާކިސްތާނެވެ. އާ މެމްބަރު، އީރާން ހިމެނޭ ގޮތަށް އެހެން ހުރިހާ މެމްބަރުން ވެސް މި ބައްދަލުވުމުގައި ޝަޚުޞީ ގޮތުން ބައިވެރިވާނެ އެވެ.

އިންޑިއާއިން ޕާކިސްތާނުގެ އުއްތަމަ ފަނޑިޔާރަށް ދައުވަތު ދިން ނަމަވެސް އިސްލާމްއާބާދުން އެގައުމުގެ އެންމެ އިސް ފަނޑިޔާރުގެ ދަތުރުފުޅާ ބެހޭ ގިތުން އެންމެ ފަހު ވަގުތު އެ ނިންމުން ނިންމީކަމަށް ދަ އެކްސްޕްރެސް ޓްރިބިއުން އިން ބުނެފައިވެއެވެ.

މިއަހަރުގެ މެއި މަހު ގޯއާގައި ބާއްވާ އެސްސީއޯގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމަށް ވެސް އިންޑިއާއިން ވަނީ ފޮރިން މިނިސްޓަރު ބިލާވަލް ބުއްޓޫ ޒަރުދާރީއަށް ދައުވަތު ދީފަ އެވެ. ނަމަވެސް ޕާކިސްތާންގެ ފޮރިން މިނިސްޓަރު ހާޒިރުވެވަޑައި ގަންނަވާނެ ކަމެއް ނުވަތަ ނޫން ކަމެއް ޕާކިސްތާނުން އަދި ހާމަކޮށްފައެއް ނުވެއެވެ.