ސީރިއާގައި ގަވާއިދާ ހިލާފަށް އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތްތައް ހުއްޓާލުމަށާއި އެމެރިކާއިން ސީރިޔާގެ ބިންތައް ލޫޓުވުމުގެ މަސައްކަތް ވަގުތުން ހުއްޓާލުމަށާއި އެމެރިކާއިން ގަވާއިދާ ހިލާފަށް އެއްފަރާތުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، ސޫރިޔާގައި އިންސާނީ ކާރިސާއެއް އުފެއްދުން ހުއްޓާލުމަށް ޗައިނާއިން އެމެރިކާއަށް އަންގައިފިއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މައޯ ނިންގް މިގޮތަށް އެމެރިކާއަށް ގޮވާލެއްވީ އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން މާކް މިލީ ސީރިއާގެ އިރުއުތުރުގައި އެމެރިކާ ސިފައިން ގަވާއިދާ ޚިލާފަށް ހިފައިގެން ސިފައިން ބައިތިއްބާފައިވާ އެމެރިކާގެ މަރުކަޒުތަކަށް ކުރެއްވި ދަތުރުފުޅާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މައޯ ނިންގް ވަނީ އެމެރިކާގެ މަސްއޫލުވެރިއާގެ ދަތުރު ކުށްވެރިކުރައްވައި، ސީރިއާގެ ސަރަހައްދުގެ އިސްތިގުލާލާއި ސިޔާސަތާ އެމެރިކާއިން ފާޅުކަން ބޮޑު ގޮތެއްގައި ހިލާފުވަމުންދާ ކަމަށް ވިދާޅުވެ ފައެވެ. އަދި އެމެރިކާ ސިފައިން ސީރިއާއިން ބޭރަށް ގެންދިއުމަށްވެސް ގޮވާލައްވާފައެވެ.

ތަރުޖަމާން ވިދާޅުވީ ސީރިއާގެ ދަތި ހާލުގެ ތެރެއަށް ގަވާއިދާ ހިލާފަށް އެމެރިކާއިން ބެހިގަނެ، އެމެރިކާއިން ހިންގި އަސްކަރީ އޮޕަރޭޝަންތަކުގެ ސަބަބުން ގިނަ އަދަދެއްގެ މައުސޫމް އާންމުން މަރުވެ އިންސާނީ ބޮޑު ކާރިސާއެއް ދިމިޝްގަށް ކުރިމަތިވެފައިވާ ކަމަށެވެ.

ސީރިއާއާ ބެހޭ ގޮތުން އދ.ގެ މިނިވަން ބައިނަލްއަގްވާމީ ތަހުގީގު ކޮމިޝަނުން އެމެރިކާގެ އަސްކަރިއްޔާގެ ތަހުގީގެއް ހިންގުމަށާއި އެމެރިކާގެ އަމަލުތަކަކީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސީރިއާގެ އަހުލީ ހަނގުރާމަ 13 ވަނަ އަހަރަށް ލައިގަންނަން ތައްޔާރުވެއްޖެއެވެ. މިހާތަނަށް މަދުވެގެން 350،000 މީހުންގެ ފުރާނަ ގެއްލިފައިވާއިރު، 14 މިލިއަން މީހުންނަށް އަވަސް އިންސާނީ އެހީއަށް ބޭނުންވެފައި ވެއެވެ.

އެމެރިކާއިން އަދިވެސް ގަބޫލުކުރަނީ ސީރިޔާއިން ސިފައިން އަނބުރާ ގެންދަން އަދި މާ އަވަސް ކަމަށާއި ސީރިއާގައި ގަވާއިދާ ހިލާފަށް ސިފައިން ބޭތިއްބުން ނިމުމަކަށް ގެނައުމުގެ ވިސްނުމެއް ނެތް ކަމަށެވެ.