ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ތިމަރުފުށީގެ މައްޗަށް ޕެނަލްޓީއިން ކުރި ހޯދައި ލ.ގަން ސެމީފައިނަލުން މިރޭ ޖާގަ ހޯދިއިރު ކުޑަހުވަދޫ އާއި ގދ.ވާދޫ އަދި އިނގުރައިދޫވެސް ސެމީގެ ޖާގަ ޔަގީން ކޮށްފިއެވެ.

ތަށި މިލްކު ކުރަން މިއަހަރު ނިކުތް ތިމަރަފުށީގެ މައްޗަށް ގަމުން ކުރިހޯދީ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނުއިރު 1-1 އިން އެއްވަރުވެފައި އޮތުމުން

ޕެނަލްޓީ ޖަހައިގެން 5-4 އިން ކުރި ހޯދައިގެންނެވެ.

މެޗް ފަށައިގެން ފުރަތަމަ މިނެޓުގެ ކުޅުން ނިމެން ދަނިކޮށް ގަމުން ލީޑް ނެގީ ކެޕްޓަން ހުސައިން ޝަރީފް (އޮންލީ) ކާމިޔާބު ކުރި ލަނޑުންނެވެ. ޑިއޭރިޔާގެ ބޭރުން އޮންލީ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ތިރިތިރިން ގޮސް އަރިމަތީ ދަނޑީގައި ޖެހިފައެވެ. މިނަތީޖާގައި އޮވެ މެޗް ނިމެން ދަނިކޮށް ތިމަރަފުށިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އަބްދުﷲ ޒިޔާން ކާމިޔާބު ކުރި ލަނޑުންނެވެ.

ޕެނަލްޓީ ޝޫޓްއައުޓުގައި ތިމަރަފުށި އަތުން ބޭކާރުވީ ހަމްދާން ފޮނުވާލި ޕެނަލްޓީއެވެ. ގަމުގެ ކީޕަރު މިޕެނަލްޓީ ދިފާއު ކުރީއެވެ.

ކުއާޓާފައިނަލުގެ އެހެން މެޗުތަކަށް ބަލާއިރު މިފަހަރު އެންމެ ފޯމުގައި އޮތް ގދ.ވާދޫއިން ވަނީ ފަސޭހަކަމާއެކު މާފަންނު 4-1 އިން ބަލިކޮށް ސެމީފައިނަލުން ޖާގަ ހޯދާފައެވެ. މިމެޗުގައި ވާދޫގެ މުހައްމަދު އިޔާދު އަލީ ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. އަނެއް ލަނޑު ޖެހީ އިބްރާހިމް ޝައުފެވެ. މާފަންނުގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ އިބްރާހިމް ނާޖިހްއެވެ.

ކުއާޓާގައި ރ.އިނގުރައިދޫއިން ވަނީ ފޯރިގަދަ ކުޅުމަކަށްފަހު ޕެނަލްޓީ ޖަހައިގެން 7-5 އިން ހދ.ނާވައިދޫ ބަލިކޮށް ސެމީފައިނަލުން ޖާގަ ހޯދާފައެވެ. މިމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު އޮތީ 3-3 އިން އެއްވަރުވެފައެވެ.

މީގެ ދެއަހަރު ކުރިން ގޯލްޑަން ފުޓްސަލް މުބާރާތުގެ ފައިނަލުގައި ކުޅުނު އޭދަފުށި މިރޭ ކުއާޓާގައި ބަލިވީ ކުޑަހުވަދޫއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން 3-2 އިންނެވެ. ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުން ކުރެ ޓީމަކަށް މިމެޗުގައި ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ގޯލްޑަން ފުޓްސަލް މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. ސެމީގައި ކުޅޭނެ 4 ރަށް މިހާރު ކަށަވަރުވެފައިވާއިރު، މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ 102 ރަށަކުން މުބާރާތުގައި ވަނީ ވާދަކޮށްފައެވެ.