ޒުވާނުންނަށް ޚާއްޞަކޮށް މާލެސިޓީ ކައުންސިލުން ކުރިއަށްގެންދާ "ފަންނުވެރިޔާ" ޕްރޮގްރާމް ފަށައިފިއެވެ. މި ޕްރޮގްރާމް ފަށްޓަވައިދެއްވީ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

މިއީ ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމަށް ފެށި ޕްރޮގްރާމެެކެވެ. މި ޕްރޮގްރާމް ފަށައިފައިވަނީ ރޭ 20:30 ގައި ސަސްކެފޭގައި ބޭއްވި ޙަފްލާއެއްގައެވެ. މި ޕްރޮގްރާމުގެ ދަށުން އެންމެ ފުރަތަމަ ފެށުމަށް ނިންމާފައިވަނީ އެއްމަސް ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ އާރޓް އެންޑް ކްރާފްޓް ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގެ ފުރަތަމަ ބެޗްގައި މިހާތަނަށް 45 ޒުވާނުން ވަނީ ބައިވެރިވެފައެވެ.

މި ވޯކްޝޮޕް އިފްތިތާޙް ކޮށްދެއްވަމުން މޭޔަރ ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ އަމާޒަކީ ޒުވާނުންނަކީ ފުދުންތެރިބަޔަކަށް ހެދުން ކަމަށާއި، އެގޮތުން އާމްދަނީ އެއް ހޯދޭނެ ގޮތް ނެތިފައި ތިބި ޒުވާނުންނަށް ފުރުޞަތުތަކެއް ފަހި ކޮށްދޭން މާލެ ސިޓީ ކައުންސިލުން ބޭނުންވާކަމަށެވެ. ”މާލެ ސިޓީ ކައުންސިލުގެ އަމާޒަކީ ޒުވާނުންނަކީ ފުދުންތެރިބަޔަކަށް ހެދުން. ވަޒީފާ އަދި އާމްދަނީ ލިބޭނެ ގޮތް މާލެ ސިޓީ ގައި ހޯދައިދިނުމަށް މަސައްކަތް ކޮށްދިނުން. ޒުވާނުންނަކީ މާލެ ސިޓީގެ ކުރިމަގުގައި އަދި އެންމެހާ ކަންތައްތަކުގައި ވަރަށް މުހީއްމު ދައުރެއް އަދާ ކުރާނެ ބަެއެއް. އެގޮތުން އާމްދަނީ އެއް ހޯދޭނެ ގޮތެއް ނެތިފައި ތިބި ޒުވާނުންނަށް ފުރުސަތުތަކެއް ފަހި ކޮށްދޭން މާލެ ސިޓީ ކައުންސިލުން ބޭނުން“މޭޔަރ ވިދާޅުވިއެވެ.

މިއީ މާލެސިޓީ ކައުންސިލާއި ފެސްޓިވޯ އިންސްޓިޓިއުޓް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ފެސްޓިވޯ އިންސްޓިޓިއުޓްގެ ޗެއާރމަން ޢަލީ އާމިރު ވިދާޅުވީ މާލެސިޓީ ކައުންސިލުން ފެސްޓިވޯ އަށް އިތުބާރުކޮށް މިފަދަ ފުރުޞަތެއް ދެއްވިކަމަށްޓަކާ ޝުކުރުދަންނަވާ ކަމަށެވެ. ވަރަށް ރަނގަޅު ވަރަށް އުފެއްދުންތެރި ޒުވާނުންތަކެއް މި ޕްރޮގްރާމްގެ ދަށުން މުޖްތަމަޢުއަށް ނެރެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިއީ މުސްތަޤުބަލްގައި އިންޓީރިއާ ޑިޒައިން، ގްރެފިކް ޑިޒައިން، އަދި ފެޝަން ޑިޒައިންގެ އިތުރުން މަލްޓިމީޑިއާގެ ޕްރޮގްރާމްތަކާއި، ފޮޓޯގްރަފީ ދާއިރާތަކުން މަތީތަޢުލީމު ޙާސިލްކުރަން ބޭނުންވާ ޒުވާނުންނަށް ވަރަށް މުހިންމު ފުރުޞަތެއްކަމުގައި އާމިރު ވިދާޅުވިއެވެ. މި ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމި އާރޓް އެންޑް ކްރާފްޓް ވޯކްޝޮޕަކީ އެއްވެސް ފީ އަކާއި ނުލާ ހިލޭ ސާބަހަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ވޯކްޝޮޕެކެވެ.