ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ އަމިއްލަ މަސްލަހަތާ ގުޅޭ އެއްވެސް ކަމެއް ނެތި ކަމަށާއި އަމާޒަކީ ރާއްޖޭގައި ރަނގަޅު ޖީލެއް ބިނާކުރުން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. އަދި ރިޓަޔާމެންޓްގައި ހުރެވެން ނެތް ކަމަށާއި ގައުމު ސަލާމަތް ކުރަންޖެހޭ ކަމަށްވެސް ކުރީގެ ބަންޑާރަ ނައިބު ވަނީ ވިދާޅުވެފައެވެ.

ދިމްޔާތު ހޮޓަލްގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުނައްވަރު ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެއްވެސް އެހެން މީހެއްގެ ފަހަތަށް އަރައިވަޑައިނުގަންނަވާނެ ކަމަށާއި އިންތިހާބުގައި ފަހަތަށް އަރައިވަޑައިގެން ހުންނަވަން ޖެހޭ ބޭފުޅަކު ނެތް ކަމަށެވެ.

"އަޅުގަނޑު ދަންނަވާލާނީ އަޅުގަނޑު އެއްވެސް މީހެއްގެ ފަހަތަކަށް އަރާކަށް ނޫނޭ. ފަހަތަށް އެރެން ނެތީ، ފަހަތަށް އެރެން އޮންނާނީ އެންމެ ގޮތެއް އިނގޭތޯ. އެއީ ކަމަށް ގާބިލު އިނގޭތޯ، ރައީސުލްޖުމްހޫރިއްޔާކަމަށް ގާބިލު، ގައުމު ކަންތައްތަކަށް އިނގޭތޯ، އަޅުގަނޑު ވިސްނާ ވަރަށް ވިސްނާ އިނގޭތޯ. ގައުމަށް އެ ވަރަށް ގައުމީ ލޯބި ދިވެހިރާއްޖެއަށް ތެދުވެރި އިހުލާސްތެރި ކަންކުރެވޭ މީހެއް ވެއްޖިއްޔާ ފަސް ނުޖެހޭނެ ފަހަތަށް އަރަން އެމީހެއްގެ،" ޑރ. މުނައްވަރު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ އެފަދަ ކެންޑިޑޭޓެއް ފެންނިވަޑައިނުގެންނެވުމުން ކަމަށާއި އޭނާ އިންތިހާބުގައި ވާދަކުރައްވަނީ ފޮރުވިފައިވާ އަމިއްލަ އެޖެންޑާއެއް އޮވެގެން ނޫން ކަމަށެވެ.

މި ބައްދަލުވުމުގައި ދެއްކެވި ވާހަކައިގައި މުނއްވަރު ވިދާޅުވީ ވެރިކަމަށް ކުރިމަތިލައްވަން ވިސްނަވާ ކަމަށް މިދިޔަ އަހަރުގެ މެދުތެރޭ ހިސާބުގައި ނަޝީދު އަރިހުގައި ދަންނަވާފައިވާނެ ކަމަށެވެ. ނަމަވެސް އޭގެ ފަހުން އެފަދަ އެއްވެސް މަޝްވަރާއެއް ނަޝީދާ އެކު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި މި އިންތިހާބަށް ކުރިމަތިލައްވަން ނިންމެވީ އެއްވެސް މީހެއްގެ އެދުމުގެ މަތިން ނޫން ކަމަށާއި އެކަމާ ގުޅޭ އެއްވެސް މަޝްވަރާއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާއި ސިޔާސީ ޕާޓީއެއްގެ އެއްވެސް ލީޑަރަކާ ވެސް ކުރައްވާފައި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އެހެންވީމާ އެއްވެސް މީހެއްގެ އެޖެންޓެއްގެ ގޮތުގައެއް ނޫން (ވެރިކަމަށް ކުރިމަތިލަނީ). އެއްވެސް މީހެއްގެ ރަނިންމޭޓަށް ވާކަށް ނޫން. އެއްވެސް މީހެއްގެ އެހެން ކަމެއް ހޯދާކަށް ވެސް ނޫން. އަދި ފައިސާކޮޅެއް ދިނީމަ ނަން އަނބުރާ ނަގާކަށް ވެސް ނޫން،" މުނައްވަރު ވިދާޅުވިއެވެ.

މުނައްވަރުގެ ވާހަކައިގައި ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ފެށުން އަދި މިހާހިސާބަށް އައިސްފައިވާ ގޮތާމެދު އަލިއަޅުވާލަމުން ވިދާޅުވީ ރާއްޖޭގައި ސިޔާސީ ޕާޓީއެއް ނެތް ކަމަށާއި އޭނާވެސް ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރެއްވި ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ފެށުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ އެމްޑީޕީ އުފެއްދީ އެއިރުގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަން ނިންމަން ކަމަށާއި ޑީއާރްޕީ އުފެއްދީ ވެރިކަން ދަމަހައްޓަން ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީ އުފެއްދުމުގެ މަގުސަދަކީ އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވެރިކަމަށް އިންތިހާބު ކުރުން ކަމަށްވެސް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީއެއްގެ މަގުސަދަކީ ގައުމާ ދޭތެރޭގައި އިޖުތިމާއީ އަދި އިގުތިސޯދީ ސިޔާސަތެއް އޮވެގެން އެ ސިޔާސަތުތައް ތަންފީޒުކުރަން މަސައްކަތް ކުރުން ކަމަށެވެ. ސިޔާސީ ޕާޓީއަކީ ރަށްޓެހިންނާއި މުވައްޒަފުން ހިމަނައިގެން އުފައްދާ އެއްޗެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޑރ. މުނައްވަރު ވިދާޅުވީ ހުރިހާ ސިޔާސީ ޕާޓީއެއް އެއް ސިސްޓަމަކަށް އަމަލުކުރަން ޖެހޭ ކަމަށެވެ. މިހާރު މިއޮތް ގޮތުން ސިޔާސީ ޕާޓީތަކުގެ ނިޒާމުގައި ވާނުވާ ނޭނގޭ ކަމަށެވެ. މިހާރު މިއޮތް ހިސާބުން ޕާޓީގެ ނިޒާމު ފެއިލް ނުވިޔަސް ގާތްގަނޑަކަށް މިއޮތީ ފެއިލްވާ ހިސާބުގައިކަމަށްވެސް މުނައްވަރު ވަނީ ވިދާޅުވެފައެވެ.

ހަމަމިއާއެކު މުނައްވަރު ވިދާޅުވީ ގައުމު އޮޔާދާތަން ބަލަހައްޓައިގެން ހުރެވެން ނެތްކަމަށެވެ. ގައުމު ސަލާމަތް ކުރުމަށް ކުރިމަތިލައްވާއިރު އެއްވެސް ފަރާތެއްގެ އެޖެންޓެއްގެ ގޮތުގައި ނުނިކުންނަވާ ކަމަށެވެ.