"ފަޔަރ ޕްރިވެންޝަން ވީކް 2023" ގެ މި އަހަރުގެ ޕްރޮގްރާމް ފަށައިފި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ. މިއީ މި ޕްރޮގްރާމަކީ ކޮންމެ އަހަރެއްގެ ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އެމްއެންޑީއެފްއިން އިތުރަށް ވިދާޅުވިގޮތުގައި "ފަޔަރ ޕްރިވެންޝަން ވީކް 2023"ގެ ފުރަތަމަ ޕްރޮގްރާމް މިހާރު ވަނީ ފަށަފައެވެ.

މާލޭގެ ރަސްފަންނު ސަރަހައްދުގައި މި ޕްރޮގްރާމް އިއްޔެ ފެށިއިރު، މީގެ އިތުރުން، އާޓިފިޝަލް ބީޗާއި، ވިލިމާލެއާއި، ހުޅުމާލެއާއި، ތިލަފުށީގައި އަދި ސިފައިންގެ މަރުކަޒުތަކުގެ ތެރެއިން ކަޅުތުއްކަލާ ކޮށި، ކަލާސީނު ކޮށި، އަދި އޭރިއާ ކޮމާންޑްތަކުގައި މި ޕްރޮގްރާމް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.

އެގޮތުން މިއަދު ހަވީރު 16:15 އިން 18:00 އަށް އާޓިފިޝަލް ބީޗުގައި މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މާދަމާ 16:15 އިން 18:00 އަށް ވިލިމާލޭގެ ކަނޑައެޅޭ ސަރަހައްދެއްގައި ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާރިޗު 15 ވަނަ ދުވަހު 16:15 އިން 18:00 އަށް ހުޅުމާލެ ފޭސް ދޭއްގެ ރުއްގަޑު 2 ގެ ސަރަޙައްދުގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މާރިޗު 18 ވަނަ ދުވަހު 16:15 އިން 18:00 އަށް ތިލަފުށީގެ ކަނޑައެޅޭ ސަރަހައްދެއްގައި މި ޕްރޮގްރާމް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ

މީގެ އިތުރުން ސިފައިންގެ މަރުކަޒުތަކުގެ ތެރެއިން ކަލާސީނު ކޮށީގައާއި، އެމްއެންޑީއެފް އޭރިއާތަކުގައި ޤާއިމުކޮށްފައިވާ ފަޔަރ ސްޓޭޝަންތަކުގައި ވެސް މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށާއި އަދި ކަޅުތުއްކަލާ ކޮށީގައި ސިފައިންގެ ޢާއިލާތަކުގެ މެންބަރުންނަށް ޚާއްޞަކޮށްގެން މާރިޗު 18 ވަނަ ދުވަހުގެ ރޭ 20:15 އިން 21:45 އަށް ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ވިދާޅުވެފައެވެ.

އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި، ކައްކާ ގޭހުން ދިމާވެދާނެ ހާދިސާތަކުން ސަލާމަތްވުމަށާއި، އަދި ބަދިގޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމާ ބެހޭ މަޢުލޫމާތާއި، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތްތަކާއި، އަލިފާންނިވި ބޭނުންކުރާނެ ގޮތްތައް ދަސްކޮށްދޭނެއެވެ.