ކުރީގެ ނޫސްވެރިޔާ އަދި ދިވެހި ވާހަކަ ލިޔުންތެރިޔާ ހޯރަފުށީ މުހައްމަދު ސަލީމަށް ރޭ ހާޓް އެޓޭކެއް ޖެހި އޭޑީކޭގައި ފަރުވާދޭން ފަށައިފިއެވެ.

ދިވެހި ވާހަކަ ދެއްކުންތެރިޔާ ސަލީމްގެ ހާލު ގޯސްވީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. ހާލު ސީރިޔަސްވެ ވަގުތުން އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު މިއަދު ހެނދުނު ވަނީ އޮޕަރޭޝަނެއް ކުރަން ފަށައިފައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން 2018 ވަނަ އަހަރު ދިން ނޫސްވެރިކަމުގެ އަލިމަސް ގަލަން ލިބިވަޑައިގެންނެވި ސަލީމު ވަނީ "ހަވީރު" ގެ ސަބް އެޑިޓަރުކަމާއި "މިއަދު" ނޫހުގެ އެޑިޓަރުކަން ވެސް ކުރައްވާފައެވެ. ބައެއް އެހެން ނޫސްތައް ވުޖޫދަށް ގެންނެވުމަށްވެސް މަސައްކަތް ކުރައްވާފައިވާ ސަލީމަށް ވަނޫ ނޫސްވެރިކަމުގެ ރަން ޔޫބީލް ގަލަންވެސް ލިބިވަޑައިގެންފައެވެ.

ނޫސްވެރިކަމަށްފަހު ސަލީމް ބޮޑަށް ހަރަކާތްތެރިވެވަޑައިގަންނަވަނީ ދިވެހި ބަހުގެ ދާއިރާގަ އެވެ. ސަލީމަކީ ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު ޅެންވެރީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހޯރަފުށީ އާދަމް ސަލީމްގެ ބޭފުޅެކެވެ. ނޫސްވެރިކަމަށް ފަހު ދިވެހި ބަހުގެ ޓީޗަރެއްގެ ގޮތުގައި ސަލީމް މަސައްކަތް ކުރައްވާ އިރު، ރާއްޖެ ޓީވީގެ ބައެއް ޕްރޮގްރާމްތައްވެސް ސަލީމް ހުށަހަޅާދެއެވެ.