ސްޓެލްކޯގެ ބިލުގައި ވެމްކޯ ކުނި އުކައިދޭ ހިދުމަތުގެ އަގު ހިމެނިކަމުގައި ވިޔަސް، ސްޓެލްކޯގެ ކަރަންޓު މީޓަރު ނުހިނގާ ހާލަތްތަކުގައި ކުނި އުކުުމުގެ ހިދުމަތުގެ ފީވެސް ބިލުގައި ނުހިމަނާނެކަމަށް ވެމްކޯއިން މިއަދު ބުނެފިއެވެ. މި އޭޕްރީލް މަހުން ފެށިގެން ގޭބިސީތަކާއި ކޮމާޝަލް ތަންތަނުގެ ކުނި ނަގާނީ އިމާރާތުގެ ތިރިން ކަމަށްވާތީ، ކުނި ނެރެންވީ ގަޑިއަކީ ހަވީރު 5 އާއި ރޭގަނޑު 7 އާ ދެމެދު ކަމަށްވެސް ވެމްކޯއިން ވަނީ ހާމަކޮށްފައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ އަންނަ މަހުން ފެށިގެން ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަނުގެ ކުނި އުކައިދޭ ފީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯ ބިލުގައި ހިމަނަން ނިންމާފައެވެ. އެހެން އެކަން ކުރަން ނިންމީ ވެެމްކޯއިން މާލެ ސަރަހައްދުގައި ކުނި އުކައިދޭ ހިދުމަތަށް ގިނަ ގޭބިސީތަކުން ފައިސާ ނުދައްކާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ. މިކަމާ ބެހޭ ގޮތުން މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ވެމްކޯއިން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.

މި ބައްދަލުވުމުގައި ވެމްކޯއިން ވަނީ އަލަށް ހެދި ސްޓަކްޗާ އާއެކުގައި ގެނައި ބަދަލުތައް ހާމަކޮށްފައެވެ. އެގޮތުން ސްޓެލްކޯ ބިލުގައި ވެމްކޯގެ ފީ ހިމަނާއިރު ކޮންމެ ކަރަންޓު ބިލަކަށްވެސް އެތަނެއްގެ ކުނި ބިލު ގުޅުވާލުން ކަމަށެވެ. އެހެންކަމުން، ކަރަންޓު މީޓަރު ވަކި ވަރަކަށް ނުހިނގާތީ ކަރަންޓު ބިލު ނުފޮނުވާ މަސްތަކުގައި ވެމްކޯއިންވެސް ކުނި އުކާލުމުގެ ޗާޖެއް ނުނަގާނެ ކަމަށް އެކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވަނީ ނޫސްތަކުން ކުރި ސުވާލަށް ޖަވާބުދެއްވަމުން ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ވެމްކޯއިން ހިއްސާކުރި މައުލޫމާތަށް ބަލާލާއިރު، ބިލު ކުރުމުގައި ޑޮމެސްޓިކް މީޓަރަކަށް ސްޓެލްކޯއިން ބިލު ތައްޔާރުކުރާ މުއްދަތުގައި 34 ކިލޯވޮޓް ނާރާނަމަ އެ ތަނަކީ ބޭނުން ނުކުރާ ތަނެއް ކަމުގައި ކަނޑައަޅާނެއެވެ. އަދި އެ ތަނަކަށް ކުނީގެ ބިލެއް ނުކުރާނެއެވެ. އަދި ބިލު ކުރުމުގައި ކޮމާޝަލް ކެޓަގަރީގެ މީޓަރަކަށް ސްޓެލްކޯއިން ބިލު ތައްޔާރުކުރާ މުއްދަތުގައި 16 ކިލޯވޮޓު ނާރާނަމަ އެ ތަނަކީ ބޭނުން ނުކުރާ ތަނެއް ކަމަށް ބަލައި، އެތަނަކުން ކުނީގެ ބިލެއް ވެސް ނުކުރާނެއެވެ.

ބައްދަލުވުމުގައި ވެމްކޯގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ދެ ބިލު ގުޅުވާލަން ތައްޔާރުވަމުން އަންނައިރު، އެކަން ކުރުމުގައި ބަލާނީ ސްޓެލްކޯގެ ޑޭޓާބޭސްގައި ހިމެނޭ މީޓަރުތަކުގެ ލިސްޓަށް ކަމަށެވެ. އެހެންކަމުން މީގައި ލިފްޓާއި މެއިންޓަނެންސް މީޓަރުތަކުން ނުނަގާނެއެވެ. މިގޮތަށް ފާހަގަނުވެ ހުރި މީޓަރުތަކުގެ މައުލޫމާތު ހިއްސާކުރަން ވެމްކޯއިން 'މީޓަރު އެކްސްކްލޫޝަން' ފޯމެއް ކުރިއަށް މި އޮތް ދުވަސްތަކުގައި ތައާރަފްކުރަން ވަނީ ނިންމާފަ އެވެ.

އެ ފޯމު ހުށަހެޅުމުން ވެމްކޯއިން ފަސް ދުވަހުގެ ތެރޭގައި އެ މީޓަރެއް ދިރާސާކުރުމަށްފަހު ކުނީގެ ހިދުމަތަށް ބިލުކުރުމުން އުނިކުރާނޭ ކަމަށް ވެމްކޯއިން ބުންޏެވެ.

މީގެ އިތުރުން އަލަށް މި އެކުލަވާލި ސްޓްރަކްޗާގައި، ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކާއި ދައުލަތުގެ އިދާރާތަކުން ކުނި ނެގުމަށް މިހާރު ނަގަމުންދާ އަގު ބޮޑުކޮށްފައި ވާނެ ކަމަށް އެކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ. އަދި ހަމައެހެންމެ އަންނަ މަހުން ފެށިގެން ކުނި ނަގަމުން ދާނީ އިމާރާތުގެ އެންމެ ތިރިން ކަމަށާއި ޑޯ ސްޓެޕްއިން ކުނި ނުނަގާނެ ކަމުގައިވެސް އެ ކޯޕަރޭޝަނުން މިއަދު ވަނީ ހާމަކޮށްފައެވެ.

ކުރިއަށް މި އޮތް އޭޕްރީލް މަހުން ފެށިގެން ގޭބިސީތަކާއި ކޮމާޝަލް ތަންތަނުގެ ކުނި ނަގާނީ އިމާރާތުގެ ތިރިން ކަމަށްވާއިރު ކުނި ނެރެންވީ ގަޑިއަކީ ހަވީރު 5 އާއި ރޭގަނޑު 7އާ ދެމެދުގެ ވަގުތެއްގައި ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

ގޭބިސީތަކުން ކުނި އުކައިދޭނީ މިހާރުވެސް ނަގާ އަގު 150ރ.އަށެވެ. މަހަކަށް 150ރ.ގެ ރޭޓުން އަހަރަކަށް ޖެހޭ މިންވަރު 1،800ރ. 365 ދުވަހަށް ބެހުމަށްފަހު ދުވާލަކަށް 4.9ރ.ގެ ރޭޓުންނެވެ. ބިލު ކުރާނީ ސްޓެލްކޯއިން ތައްޔާރުކުރާ ކަރަންޓު ބިލުގައިވާ ދުވަހުގެ އަދަދަށެވެ. ކޮމާޝަލް ކަލެކްޝަން ހިދުމަތުގެ އަގު ފަށާނީ 972ރ.އިން ފެށިގެންނެވެ އީ ދުވާލަކު 120 ލީޓަރުގެ ބޭސްލައިން ޕެކޭޖެކެވެ. އެމިންވަރަށްވުރެ މަދުން ކުނި އުފެދޭ ތަންތަނަށް، އެއަށްވުރެ ކުދި ޕެކޭޖުތަކަށް އެދި ހުށަހެޅޭނެ ކަމަށްވެސް ވެމްކޯއިން ވަނީ ހާމަކޮށްފައެވެ.