ގދ. ފަރެސްމާތޮޑާގައި ސަރުކާރުން ތަރައްގީކޮށްފައިވާ އެއާޕޯޓަށް ޓެސްޓް ފުލައިޓް މިއަދު ޖައްސައިފިއެވވެ. މޯލްޑިވިއަންގެ މިބޯޓު ޓެސްޓް ފުލައިޓް ޖައްސައިފައިވަނީ ކާމިޔާބު ކަމާއެކުގައެވެ.

މިއަދު ހަވީރު ފަރެސްމާތޮޑާ އެއާޕޯޓަށް ޖައްސައިފައިވަނީ މޯލްޑިވިއަންގެ ޑޭޝް 8 މަރުކާގެ ބޯޓެކެވެ. މިއަދު ހަވީރު 5:28 އެހައިކަންހާއިރު ޖެއްސި އެބޯޓުން ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް އެރަށަށް ވަޑައިގެންނެވިއެވެ. އެމަނިކުފާނުގެ އިތުރުން މޯލްޑިވިއަންގެ ޑެޕިޔުޓީ މެެނޭޖިންޑިރެކްޓްރ އައިޝަތު ޖެނިފާއާއި ރީޖަނަލް އެއާޕޯޓސްގެ މެނޭޖިންޑިރެކްޓަރ މުހައްމަދު ރިޒްވީ ެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ފަރެސްމާތޮޑާއެއާޕޯޓަށް ޓެސްޓް ފުލައިޓް ޖެއްސި މަންޒަރު ބެލުމަށް އެރަށުގެ ވަރަށްގިނަ ރައްޔިތުން ވަނީ އެއާޕޯޓަށް ގޮސްފައެވެ. އަދި ޓެސްޓްފުލައިޓުން އެރަށަށް ވަޑައިގެންނެވި ބޭފުޅުންނަށް ވަނީ ހޫނު މަރުހަބާއެއް ވެސް ދަންނަވައިފައެވެެ.

މިއީ ފަރެސްމާތޮޑާ ރައްޔިތުންނާއި އެރަށާ ކައިރީގެ ރަށްރަށުގެ މީހުން ވަރަށްބޮޑަށް އުންމީދު ކުރަމުންއައި ތާރީޚީ ދުވަަހެކެވެ. މިއަދަށްޓަަކައި ފަރެސްމާތޮޑާ ރައްޔިތުން ވަނީ ވަރަށްބޮޑަށް ތައްޔާރު ވެފައެވެ.

ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީކޮށްފައިވަނީ ފަސް ފަޅުރަށެއް ގުޅުވައިގެންނެވެ. އެއީ ކަންޑައްދޫ، ހާޑާދޫ، ދޫނިރެހާ، ކާޅަހުއްޓާ، މާރެހާއެވެ.

އެރަށުގައި ތަރައްގީކޮށްފައިވާ އެއާޕޯޓުގައި 1200 މީޓަރުގެ ރަންވޭއެއް އަޅައިފައިވެއެވެ. އެރަށު އެއާޕޯޓުގައި ތަރައްގީކޮށްފައިވަނީ ޒަމާނީ ފެންވަރުގެ ރީތި ޓާމިނަލެެކެވެ. ފަރެސްމާތޮޑާ އެއާޕޯޓަށް ރޭގަނޑުވެސް ފުލައިޓު ޖެއްސެއެވެ. އެ މަޝްރޫއަށް ސަރުކާރުން ވަނީ 144 މިލިއަނަށްވުރެ ގިނަ ފައިސާ ޚަރަދުކޮށްފައެވެ. އެއާޕޯޓު ތަރައްގީކޮށްފައިވަނީ އެމްޓީސީސީންނެވެ.

އެއާޕޯޓުގެ މަސައްކަތް ފަށައިފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެއާޕޯޓަށް ބޭނުންވާ މުވައްޒަފުން ހޯދަން މިހާރުވަނީ އިއުލާން ވެސް ކޮށްފައެވެ. އެއާޕޯޓު ރަސްމީކޮށް ހުޅުވަން ހަމަޖެހިފައިވަނީ ބުދަދުވަހު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.