ކޮވިޑް-19އާ ގުޅިގެން ބަންދުކޮށްފައި އޮތް ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން އެންމެ ގިނައިން ފަތުރުވެރިން އައި ދުވަހަކަށް އިއްޔެ ވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިއަދަކީ ބޯޑަރު ހުޅުވާލިފަހުން އަނެއްކާވެސް ރެކޯޑެއް ގާއިމް ކުރެވުނު ދުވަހެއް ކަމުގައެވެ. އެގޮތުން މިއަދު ރާއްޖެ އަށް 4567 ފަތުރުވެރިން އައިސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބޯޑަރު ހުޅުވާލި ފަހުން އައި މީހުންގެ ޖުމްލަ އަދަދު އެއް ލައްކަ އަށް ވުރެ މައްޗަށް އަރާފައިވާއިރު، މިއަހަރުގެ ޖެނުއަރީން މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ ފަސް ލައްކަ އަށް ވުރެ މައްޗަށް އަރާފައެވެ. އެއާއެކު ސަރުކާރުން މިއަހަރަށް ކަނޑައެޅި އަމާޒު ވަނީ ހާސިލުވެފައެވެ.

އެގޮތުން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރަޝިއާއިން އައިސްފައިވާއިރު، އެގޮތުން މިހާތަނަށް ރާއްޖެ އަށް ވަނީ 40،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މީގެ އިތުރުން އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން އައި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމުތަކަކީ އިނގިރޭސިވިލާތް، އެމެރިކާ، ޔޫއޭއީގެ އިތުރުން ޖަރމަނީ، ޔޫކްރެއިން، ފްރާންސް، ސްޕެއިން އަދި ބްރެޒިލްއެވެ.