1444 ވަނަ އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް އަމިއްލަ ކުންފުނިތަކުން ބިޑް ހުށަހަޅައިފި ކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީއިން ވިދާޅީ އެގާރަ ކުންފުންޏަކުން ބިޑް ހުށަހަޅާފައިވާކަމަށެވެ. އަދި މީގެ ތެރެއިން ހުއްދަދެވޭނީ އެންމެ މަތިން ޕޮއިންޓް ލިބޭ 3 ކުންފުންޏަކަށް ކަމަށެވެ.

ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ ދޫކުރެވޭނީ ޙައްޖު ކޯޕަރޭޝަންގެ އިތުރުން 3 ކުންފުންޏަކަށެވެ. އެގޮތުން ހުއްދަދެވޭ ތިން ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ދޫކުރެވޭނެ ކަމަށްވެސް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް މިއަހަރު ލިބިފައިވަނީ 1000 ކޯޓާއެވެ. 2022 ވަނަ އަހަރު ރާއްޖެއަށް ލިބުނީ 453 ކޯޓާއެވެ.