އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ވިޔަސް ތަރައްޤީގެ ކުލަތައް ފެންނަން ފަށާނީ، އެތަނެއްގައި ދިރިއުޅޭ ރައްޔިތުންނަށް ދުޅަހެޔޮ ޞިއްޙަތެއް ލިބިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ރަސްމީ ގޮތެއްގައި ހޮސްޕިޓަލެއްގެ ޚިދުމަތް ދޭން ފެށިތާ 75 އަހަރު ފުރޭ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ފަށްޓަވަމުން އެމަނިކުފާނު ވަނީ މި މުނާޞަބަތުގައި، ރާއްޖޭގެ ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރައްވާ އެންމެހައި ބޭފުޅުންނާއި މިދިޔަ 75 އަހަރުގެ ތެރޭގައި މި ޚިދުމަތް ރާއްޖޭގައި ތަރައްޤީކޮށް ފުޅާކުރެއްވުމަށް، މަސައްކަތް ކުރެއްވި އެންމެހައި ބޭފުޅުންނަށްވެސް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.
މީގެ އިތުުރުން ރައީސް ސާލިޙުގެ ވާހަކަފުޅުގައި ރާއްޖޭގައި ޑޮކްޓަރީ ބޭހުގެ ފަރުވާ ފެށިގެން އައިގޮތަށް އަލިއަޅުވާލައްވަމުން، 1948ވަނަ އަހަރު މާލޭގައި، ހުޅުވި "ޑަކްޓަރު ގެ" އާއެކު ދިވެހިންގެ ދިރިއުޅުމަށާއި އިޤްތިޞާދަށް ބޮޑު ބަދަލެއް އައިކަން ފާހަގަކުރައްވައި އެއީ ރާއްޖޭގެ ތަރައްޤީއަށް ލިބުނު ވަރަށް ބޮޑު ދިރުމެއްކަމުގައި ވިދާޅުވިއެވެ. އަދި ޞިއްޙީ ޚިދުމަތަކުގެ ފެންވަރުމަތިވެ، ޒަމާނީވެގެން ދިއުމުގައި އަމިއްލަ ފަރާތްތަކާއި މާލެއާ ރަށްރަށުގެ ހޮސްޕިޓަލްތަކާއި ކްލިނިކުތަކާއި ޞިއްޙީ މަރުކަޒުތަކުން އަދާކުރަމުން އަންނަ މުހިންމު ދައުރުގެ މައްޗަށް ވެސް އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ.
މިދިޔަ ހަތަރު އަހަރުގެ ތެރޭގައި، ޞިއްޙީ ޚިދުމަތުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ސަރުކާރުން ކުރެއްވި މުހިންމު ބައެއް މަސައްކަތްތަކަށް ވެސް އެމަނިކުފާނު ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. އެގޮތުން ރާއްޖޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ނަފްސާނީ ބަލިތަކަށް ޚާއްޞަ މަރުކަޒެއް ޤާއިމުކުރުމާއި 2020 ވަނަ އަހަރުގެ ތެރޭގައި ސްޓްރޯކް ސެންޓަރެއް ޤާއިމުކޮށް ޚިދުމަތް ފެށުމާއި އަދި މި ނޫންވެސް ޞިއްޙީ ދާއިރާއިން ރާއްޖޭގައި ކުރިން ނެތް، އެތައް ޚިދުމަތެއް ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ފެށިފައިވާކަން އެމަނިކުފާނު ވިދާޅުވިއެވެ.
ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭން، ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ފަސް ޓާޝަރީ ހޮސްޕިޓަލް ތަރައްޤީވަމުން އަންނައިރު ރާއްޖޭގެ އެކި ރަށްރަށުގައި 50 އެނދުގެ 6 ހޮސްޕިޓަލާއި 30 އެނދުގެ 12 ހޮސްޕިޓަލް ސަރުކާރުން އަންނަނީ ތަރައްޤީކުރަމުންނެވެ. އަދި ޞިއްޙީ މަރުކަޒުތަކާއެކު މުޅި މި ދާއިރާ ތަރައްޤީވެގެން އަންނައިރު، ޞިއްޙީ އިތުރު ޚިދުމަތްތަކާއި ވަޒީފާގެ އިތުރު ފުރުޞަތުތައް ތަނަވަސްވެގެންދާނެއެވެ.
މި އަހަރުގެ ބަޖެޓްގައި އެންމެ ބޮޑު ސަމާލުކަމެއް ދީފައި ވާނީ، ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްކަން ފާހަގަކުރައްވައި، އަންނަ މެއި މަހުން ފެށިގެން ޞިއްޙީދާއިރާގެ މުސާރަތަކަށް ސަރުކާރުން ހެޔޮ ބަދަލެއް ގެންނަވާނެކަން ރައީސްގެ ވާހަކަފުޅުގައި ތަކުރާރުކުރެއްވިއެވެ. އަދި ހިލޭ ޑިގްރީ ޕްރޮގްރާމާއި އަދި ސްޓޫޑެންޓް ލޯނު ސްކީމާއި ސަރުކާރުގެ ސްކޮލަޝިޕް ސްކީމްގެ ދަށުން، މިދާއިރާއަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމުގައި ލިބެމުން އަންނަ ކުރިއެރުންތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ރޭގެ މި ހަފުލާގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ސާޅީސް އަހަރަށް ވުރެ ދިގު މުއްދަތަކަށް ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރެއްވި 8 ބޭފުޅުންނަށް ހަނދާނީ ލިއުމާއި ފިލާ ހަވާލުކޮށްދެއްވާފައެވެ.