ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ހަތްވަނަ އިސްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤު ކުރައްވައިފިއެވެ. މިއީ މިއަަހަަރު ފެބުރުވަރީ 27 ގައި ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 10 ވަނަ ޖަލްސާގައި ފާސްކުރައްވައިފައިވާ ބިލެކެވެ.

ރައީސް އޮފީހުން ވިދާޅުވެފައިވާ ގޮތުގައި މިބިލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ދައުލަތުން ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދިނުމާގުޅޭ އުސޫލުތަކާއި، ދައުލަތުގެ ފައިސާއިން ޚާއްޞަ އެހީ ދިނުމާގުޅޭ އުސޫލުތައް ހަރުދަނާ ކުރުމެވެ. އޭގެ އިތުރުން ދައުލަތުގެ ފައިސާ ހިސާބުކުރުމާއި އަހަރީ ބަޖެޓު އެކުލަވާލުމާ ގުޅޭ އުސޫލުތައް އިތުރަށް ހަރުދަނާކުރުން ވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، ދައުލަތުގެ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑާއި އެ ފަންޑު ހިންގުމާގުޅޭ އުސޫލުތައް ޤާނޫނުގައި ބަޔާންކުރުމާއި، ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމު ހިންގާނެ ގޮތުގެ އުސޫލުތައް ޤާނޫނުގައި ބަޔާންކުރުމާއި ތަންފީޛުކުރުމުގައި ހުރި ދަތިތައް ނައްތާލުމަށްޓަކައި ކަމާގުޅޭ ޚާއްސަ އުސޫލުތަކެއް ޤާނޫނުގައި ހިމެނުން ވެސް ހިމެެނެއެވެ. އޭގެ އިތުރުން ޤާނޫނާ ޚިލާފުވާ ހާލަތްތަކުގައި އެ ފަރާތްތަކާމެދު ފިޔަވަޅުއެޅުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުސޫލުތައް އިސްލާޙުކުރުމާއި، ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ދަތިކަން ޙައްލުކުރުންވެސް މަގުސަދު ތަކުގެ ތެރޭގައި ހިމެނެއެވެ.

މިބިލުގައި، ދައުލަތުގެ ނަމުގައި ގެރެންޓީ ދިނުން ވަކި މާއްދާއެއްގެ ގޮތުގައި ވަނީ އިތުރުކޮށްފައެވެ. އަދި ކައުންސިލްތަކަށް ލިބެންޖެހޭ ފައިސާއަށް މައާފުދީ ނުވަތަ ލުއިދެވޭނެ ހާލަތްތައް ވެސް ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ފައިސާ އިންވެސްޓް ކުރުމަށާއި، ދައުލަތުގެ ދަރަނި އަދާކުރުމަށާއި، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ބޭނުމަށްޓަކައި، ސޮވްރިން ޑިވެލޮޕްމަންޓްފަންޑުގެ ގޮތުގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ކަސްޓޯޑިއަން އެކަންޓެއް ގާއިމްކޮށް ބަލަހައްޓަންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވާ ކަމަށް ރައީސް އޮފީހުންް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ދައުލަތުގެ ފައިސާއާ ހިސާބާއި ހިސާބުގެ ލިޔެކިޔުމުގެ ނިޒާމު ބަލަހައްޓައި ހިންގުމަށްޓަކައި، އެކައުންޓަންޓް ޖެނެރަލްގެ މަގާމަށް މީހަކު އައްޔަނު ކުރެވޭނެ ގޮތާއި، އެމަގާމުގެ ޝަރުތުތަކާއި މަސްޢޫލިއްޔަތައްވެސް ވަނީ ބިލުގައި ހިމަނާފައެވެ.

މިބިލްގައި، ދައުލަތުގެ އިންޓަރނަލް އޮޑިޓް ނިޒާމެއްގާއިމްކުރަންޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. އޭގެއިތުރުން ޗީފް އިންޓަރނަލް އޮޑިޓަރުގެ މަގާމުގެ މަސްޢޫލިއްޔަތުތައް ބަޔާންކޮށް، 7 މެމްބަރުންގެ މައްޗަށް އެކުލެވޭ އިންޓަރނަލް އޮޑިޓް ކޮމިޓީއެއް އުފެއްދުމަށްވެސް ބިލުގައި ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ދައުލަތުގެ ޕްރޮކިއުމެންޓް ނިޒާމްގެ ކަންކަން ކަނޑައެޅުމަށްޓަކައި މި ބިލުގައި ވަނީ، ވަކި ޗެޕްޓަރެއް ހިމަނާފައެވެ. މީގެ އިތުރުން ހުއްދަ ނޫން އަމަލެއް އެއްވެސް ފަރާތަކުން ކުރިކަމަށް ތުހުމަތު ކުރެވިއްޖެނަމަ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން އަމަލުކުރަންޖެހޭނެ ގޮތްތައްވެސް މިބިލްގައި ވަނީ، ބަޔާންކޮށްފައި ކަމަށް ރައީސް އޮފީހުން ވިދާޅުވެފަައިވެއެވެ.

މި ބިލް ރައިސް މިއަދު ތަސްދީގު ކުރެއްވުމުން މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވައިފައެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ ގާނޫނު ފާސްވެ ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ. އެހެން ކަމުން މިއަދުން ފެށިގެން މިގާނޫނަށް އަމަލު ކުރެވޭނެއެވެ.