މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ވެރިކަމެއްގައި ޝަރީޢަތް ނުކޮށް މީހުން ބަންދުގައި ބޭއްތިއްބުމަށް ނިމުމެއް ގެނެސްދެއްވާނޭ ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްއެންޕީގެ ރައީސް އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރިޓަޔަރޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖެ ދެކޭނީ އިންސާފުވެރި އަމާން މާހައުލެއް ކަމަށެވެ. އޭގެ ސަބަބުން ރައްޔިތުންނަށް އުފާވެރިކަމާއި ހަމަޖެހުން ލިބިގެންދާނެއެވެ. ނާތީޖާއަކަށް ވެގެންދާނީ މީހުން އާމްދަނީ ހޯދުމުގެ މަސައްކަތްތަކުގައި އުފަލާއެކު ބައިވެރިވެ ފަރުވާތެރިކަމާއެކު މަސައްކަތް ކުރުމެވެ. އެކަމުގެ ފައިދާ އަމިއްލަ އާއިލާއަށާއި މުޅިގައުމަށް ކުރާނޭ ކަމަށް ވެސް ވިދާޅުވިއެވެ.

ނާޒިމަކީ ޖަލުގެ ވޭން ތަހައްމަލް ކުރައްވަން ޖެހިވަޑައިގެންނެވި ބޭފުޅެކެވެ. އެހެން ކަމުން ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާއަކީ މީހުން އިތުބާރުކުރާ ތަނަކަށް ހައްދަވާނޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ރާއްޖޭގެ ކޯޓުތަކުން ނިންމާ ނިންމުންތަކާ މެދު މީހުންގެ ހިތުގައި ޝައްކު ނުއުފުދޭނޭ މިންވަރަށް އެދާއިރާއަށް ހެޔޮ ބަދަލު ގެންނަން އެމްއެންޕީގެ ވެރިކަމެއްގައި މަސައްކަތް ކުރައްވާނޭ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ނާޒިމް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަނީ ރައްޔިތުންނަށްޓަކައި ކަމަށެވެ. ރައްޔިތުންނަށް އުފާވެރި އަމާން ތަނަވަސް ދިރިއުޅުމެއް ކަށަވަރުކޮށް ދެއްވުމަށެވެ.