އިންޓަރނެޓް ޚިދުމަތްދޭ ޔޫއޭއީގެ އިއްތިސާލާތު ކުންފުނީގެ ސައިބާ ސެކިއުރިޓީ ބެލެހެއްޓުން އިޒްރޭލު ކުންފުންޏަކާ ހަވާލުކޮށްފިއެވެ. އިޒްރޭލްގެ ސައިބާއިންޓް ޓެކްނޮލޮޖީޒްއާ އެކު މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އިންޓަރނެޓާއި މުވާސަލާތީ ޚިދުމަތް ދޭ އިއްތިސާލާތު ކުންފުންޏަށް ކުރިމަތިވާ ސައިބާ ހަމަލަތަކުން އެކުންފުނި ސަލާމަތް ކޮށްދީ ކޮންފުނީގެ މައުލޫމާތުގެ ރަސްމަގުގެ ސަލާމަތް ބަލަހައްޓައި ދޭނީ ސައިންއިންޓުންނެވެ.

2010ގައި އިޓަލީ ޔާނޯވްސްކީއާއި ރާޒް އާލޯން އުފެއްދި މިކުންފުނިން އިއްތިސާލާތުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ތިން އަހަރު ދުވަހަށެވެ.

ސައިބާއިންޓަކީ ރިއަލް ޓައިމް ސައިބާ އިންޓެލިޖެންސް ހޯދައިދޭ ޓެކްނޮލޮޖީ ގެންގުޅޭ ކުންފުންޏެކެވެ. މިއީ އިޒްރޭލުގެ ކުރީގެ ސިފައިންނާއި ޖާސޫސީ އިދާރާގައި މަސައްކަތް ކުރި އެލީޓް ސިފައިންގެ ބައެއްގެ ކުންފުންޏެކެވެ.