ގދ. ފަރެސްމާތޮޑާގައި އެއާޕޯޓު ހުޅުވިގެން ދިޔުމާ އެކު އެރަށަށާއި، އެސަރަހައްދުގެ ތަރައްޤީއަށް ކުރިމަގަށް ދެން އޮތީ މާ ފަހި ދުވަސްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރުން ފަރެސްމާތޮޑާގައި ތަރައްޤީކުރި އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، މިސަރުކާރުގެ ވައިގެ ދަތުރު ފަތުރުގެ ސިޔާސަތުގައި ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް، ހުވަދު އަތޮޅުގެ އެންމެ ރަށެއްފިޔަވައި ހުރިހާ ރަށަކުންވެސް އެންމެ ގިނަވެގެން 20 މިނެޓާއި 30 މިނެޓާ ދެމެދުގެ ރާސްތާއެއްގައި ދަތުރުކުރެވޭ އެއާޕޯޓެއް މިހާރު އޮންނާނެ ކަމަށެވެ. އަދި އެހެން އަތޮޅުތައްވެސް ސަރުކާރުގެ އެމިންގަނޑަށް ފައްތަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން މިސަރުކާރުން މިހާރު ކުރިޔަށް ގެންދާ އެއާޕޯޓުތައް ޤާއިމުކޮށް ނިމޭއިރު، އެތެރޭގެ އުދުހުންތަކުގެ ވިއުގަ ވަރަށް ބޮޑަށް ގެތި ލާމެހިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. އޭގެ ސަބަބުން ވަޒީފާގެ ފުރުޞަތުތައް އިތުރުވެ އިޤްތިޞާދީ ޙަރަކާތްތަކަށް ވަރަށް ބޮޑު ދިރުމެއް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް މިރޭ ދެއްކެވި ވާހަކަފުޅުގައި ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތުގައި އެރަށު ރައްޔިތުންގެ ބައިވެރިވުން އޮތްކަމަށް ވިދާޅުވިއެވެ. އެއާޕޯޓާއެކު މިހާރުވެސް އެރަށަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށް ރައީސް ވިދޅުވިއެވެ. މިގޮތުން އެއާޕޯޓް ސަރަހައްދުގައި މަރުކަޒީ އިންޖީނުގެއެއް ޤާއިމްކުރެވި، ކަރަންޓުގެ ވިއުގައިގެ ފެންވަރު ރަނގަޅު ކުރެވިފައިވާ ކަމަށާއި، ލަހެއް ނުވެ ނަރުދަމާ ނިޒާމްގެ މަސައްކަތްވެސް ނިމިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެއާޕޯޓާއި ފަރެސް މާތޮޑާ ގުޅުވައިދޭ ދާއިމީ ކޯޒްވޭގެ މަސައްކަތް ނިމުމާއިއެކު، ފަރެސްމާތޮޑާ ބަނދަރުން އެއާޕޯޓަށް ދަތުރު ކުރާ މަގުގައި ތާރު އެޅުމުގެ މަސައްކަތްވެސް ފެށިގެން ދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އެއާޕޯޓާއިއެކު ވަޒީފާގެ ފުރުޞަތާއި އިޤުތިޞާދީ އެތައް ފުރުޞަތެއް ފަރެސްމާތޮޑާ އާއި ކައިރިރަށްތަކުގެ ރައްޔިތުންނަށް ހުޅުވިގެންދާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރިޔަށް އޮތީ އަދި މާފަހި ދުވަސްތަކެއް ކަމަށެވެ.

މިރޭ ހުޅުވުނު ފަރެސްމާތޮޑާ އެއާޕޯޓަކީ، ހުވަދުއަތޮޅުގެ 4 ވަނަ އެއާޕޯޓެވެ. ފަރެސްމާތޮޑާ އެއާޕޯޓަކީ، 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ހެދިފައިވާ ޒަމާނީ ބަނދަރެކެވެ. އެ އެއާޕޯޓަށް ރޭގަނޑުވެސް ފްލައިޓް ޖެއްސެއެވެ. އޭގެ އިތުރަށް އެއާޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ފުރިހަމަކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މިއެއާޕޯޓުގެ ޕެސެންޖަރ ޓަރމިނަލަކީ، ދިވެހިރާއްޖޭގެ ރަށްތަކުގެ މަލަމަތިން ފެންނަ އޮޑިހަރުގެ ދައްކުވައިދޭގޮތަށް، އަދި ތިމާވެށްޓާއި ރައްޓެހިގޮތްތަކަށް ބަލައިގެން ފަރުމާކޮށް ތަރައްޤީކޮށްފައިވާ ޓަރމިނަލެކެވެ. މީގެ އިތުރުން އެހެން އެއާޕޯޓުތަކާއި މިއެއާޕޯޓު ތަފާތުވާ އަނެއް ކަމަކީ، މީހުން ފުރުވަންދާ ފަރާތްތަކަށްވެސް، މަތިންދާބޯޓަށް މީހުން އަރާމަންޒަރު ފެންނާނޭހެން އެއާޕޯޓުގެ ޓަރމިނަލް ފަރުމާކޮށްފައިވުމެވެ