ހުޅުމާލެ ސާފުކުރުމަށް ކުރިއަށް ގެންދިޔަ "ސާފު ހުޅުމާލެ" ޕްރޮގްރާމުގައި އިއްޔެ 18 ޓަނުގެ ކުނި ނަގައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) "ސާފު ހުޅުމާލެ" ނަމުގައި އިއްޔެ ހަވީރު 4:00 އިން ފެށިގެން 6:00 އަށް ހިންގި މި ހަރަކާތުގައި ގިނަ އިން ނަގާފައި ހުރި ކުނިތަކުގެ ތެރޭގައި ޕްލާސްޓިކް ފުޅި އާއި ކަރުދާސް ފޮއްޓާއި ޑިސްޕޯސަބަލް ތަށި ފަދަ ކުނިތައް ހިމެނެއެވެ. މީގެތެރެއިން ޕްލާސްޓިކް ފުޅި އާއި ޑިސްޕޯސަބަލް ތަށި ފަދަ ތަކެތި ގިނަ އިން ނަގާފައި ހުރީ ހުޅުމާލޭގެ ގޮނޑުދޮށް ސަރަހައްދުން ކަމަށް ބެލެވެއެވެ.

ހުޅުމާލެ ރުއްގަނޑު އެކެއް ސަރަހައްދުން ފެށި އެ ހަރަކާތުގައި ހުޅުމާލޭގެ 40 ސަރަހައްދެއް ވަނީ ސާފުކޮށްފައެވެ. އަދި ހަރަކާތް ނިންމާލުމަށް ފަހު، ހަރަކާތުގެ ތެރެއިން އެއްކުރި ކުނިތަކުގެ ފޮޓޯ އާންމުކޮށް އެޗްޑީސީން ބުނީ، އެ ހަރަކާތުގައި 18 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ.

އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ޝުކުރު އަދާކޮށް އެޗްޑީސީން ބުނީ، އެ ހަރަކާތް ވަރަށް ކާމިޔާބު ކަމަށެވެ.

ހުޅުމާލެ ސާފުކުރުމުގެ ޕްރޮގްރާމްގައި ނައިބު ރައީސް ފައިސަލް ނަސީމް އާއި މިނިސްޓަރުންނާއި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވިއެވެ.