އިތުރު ހަތަރު ރަށެއްގައި ވައިގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މި އަހަރު ތެރޭގައި ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ރޭ ވިދާޅުވެއްޖެއެވެ.

ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅިވީ އެރަށްރަށަކީ ހދ. މަކުނުދޫ، ށ. ބިލެތްފަހި، ބ. ތުޅާދޫ، އަދި ތ. ވިލުފުށީ ވައިގެ ބަނދަރުތައް ކަމަށެވެ. "އެ ހަތަރު ވައިގެ ބަނދަރަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު އޮތީ ބީލަމުގެ އެންމެ ފަހު މަރުޙަލާގައި. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ އެކަންވެސް ބަޔަކާ ހަވާލުކުރެވިގެންދާނެ. ރ. އަތޮޅު ދެކުނު ބިތުގައި ތަރައްޤީ ކުރަން ނިންމި އެއަރޕޯޓާ ގުޅޭ ފުރަތަމަ މަރުޙަލާގެ މަސައްކަތްތައް މިހާރު ވަރަށް ބާރަށް އެބަ ކުރިއަށްދޭ،" ރައީސް ވިދާޅުވިއެވެ.

މި ވައިގެ ބަނދަރުތައް ޤާއިމުކޮށް ނިމޭއިރު، އެތެރޭގެ އުދުހުންތަކުގެ ވިއުގަ ވަރަށް ބޮޑަށް ގެތި ލާމެހިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ސަބަބުން ވަޒީފާގެ ފުރުސަތު އިތުރުވުމާއި އިގްތިސާދީ ހަރަކާތްތަކަށް ދިރުން ލިބިގެންދާނނޭ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރުމަށް ލިބޭ ރަނުގެ ފުރުޞަތުތަކަށްވެސް އެކަންވާނޭ ކަމަށް ވިދާޅުވިއެވެ.

"ކޮންމެ ގުޅުމަކީ އޭގެ ތެރޭގައި އެތައް ފައިދާތަކެއް ހިމެނޭ ކަމެއް. ދޭދޭ މީހުންގެ ދެމެދުގައި ވިޔަސް ނުވަތަ ދޭދޭ ރަށްތަކުގެ ދެމެދުގައި ވިޔަސް، ހަރުދަނާ ރަނގަޅު ގުޅުމެއް އޮތިއްޔާ، އެ ގުޅުމުން އުފަންވާ އެތައް މަންފާތަކެއް ހުންނާނެ. މީހުން އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމަކީ، ރަށްވެހިކަމާއި ތަރައްޤީ އާއި ތަހުޒީބުގެ ސިފަތައް ދުނިޔޭގެ ހަތަރު ބިތަށް ފަތުރައިލަދިން މައިގަނޑު ވަސީލަތް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ވެސް ވެސް ދުނިޔޭގެ އިރާއި ހުޅަނގުގެ ތަހުޒީބާއި ތަމައްދުންގެ ސިފަތައް ވާރުތަވީ ހަމަ އެމަގުން ކަމަށެވެ. ކުރިއަށް އޮތް ތަނުގައިވެސް އެކަން ހިނގާނީ އެގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ. "އެކަކަށް ލިބޭ ކުރިއެރުމުގެ ނަފާ އަނެކަކަށް، އެއް ރަށަށް ލިބޭ ތަރައްޤީގެ ފައިދާ އަނެއް ރަށަށް، އަދި އެއް އަތޮޅަށް އަންނަ ދިރުމުގެ ހެޔޮ އަސަރު އަނެއް އަތޮޅަށް ކުރަނީ ވެސް ހަމަ އެމަގުން،"

"މި ރާއްޖޭގެ ރަށްތައް ގުޅުވައިލުމަށް މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެން މި ކުރާ މަސައްކަތުގެ ސަބަބުން، މުޅި ރާއްޖެއަށް އެތައް ގޮތަކުން ކުރިއެރުމާއި ތަރައްޤީ ލިބެމުން ދާނެކަން އަޅުގަނޑަށް ޔަޤީން. ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، އަމިއްލަ ފުދުންތެރިކަން އެތައް ގުނައަކަށް އިތުރުވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.