ޕްރޮޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި މުޅިރާއްޖޭގައި މިއަދު މުޒާހަރާއެއް ކުރާނޭ ކަމަށް އެކޯލިޝަމުން ބުނެފިއެވެ.

މި މުޒާހަރާ ފަށާނީ މިއަދު ހަވީރު 3:45 ގައި ކަމަށް އެ ކޯލިޝަނުން ބުނެފައިވެއެވެ. މާލޭގައި މުޒާހަރާ ބާއްވާނީ ރަސްފަންނު ސަރަހައްދުގައެވެ. މި މުޒާހަރާއަށް ވީހާވެސް ގިނަބަޔަކު އައުމަކީ ޕީޕީއެމް/ޕީއެންސީން ވަރަށްބޮޑަށް އެދޭ ކަމެކެވެ. މުޒާހަރާގައި އެ ކޯލިޝަންގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މިއީ އެކޯލިޝަނުުން ސިލްސިލާކޮށް ބާއްވަމުން ގެންދަވާ މުޒާހަރާއެެކެވެ. ރައީސް ޔާމީން މިވަގުތު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ޕީޕީއެމް/ޕީއެންސީން ބުނަމުން ގެންދަނީ ރައީސް ޔާމީނަށް ކޮށްފައިވަނީ ނުހައްގު ހުކުމެއް ކަމަށެވެ. އެހެން ކަމުން ވަގުތުން އެމަނިކުފާނު ދޫކޮށްލުމަށް ގެންދަނީ ގޮވާލަމުންނެވެ. ރޭ ވެސް އެ ކޯލީޝަނުންވަނީ މާލޭގައި މުޒާހަރާ އެއް ބާއްވައިފައެވެ.