ލ.ގަމު އަންހެނުންނަށް ޚާއްޞަކޮށްގެން ހިންގި " މޫދު ކަސްރަތު" ޕްރޮގްރާމް ނިންމާލައިފިއެވެ. މިއީ އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑާ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އެރަށު ހަމަދު ބިން ޚަލީފާ އަލްޘާނީ ސްކޫލްގައި މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޕްރޮގްރާމްގައި އެވޯޑް ހާސިލުކުރެއްވި ފަރާތްތަކަށާއި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ކަމަށެވެ.އ އަދި ކޯހުގެ މުދައްރިބުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އެެވެ.
އެގޮތުން ގަމުގައި ތިން ގުރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ފުރިހަމަކުރެއްވި ކަނބަލުންގެ ތެރެއިން އެންމެ މޯޓިވޭޓެޑް ފަރާތަކަށް ދޭ "ސިއްތިމާވާ އެވޯޑް" ހާސިލުކުރައްވާފައި ވަނީ ފާޠިމަތު ފަޒުނާ، ސިތާރާ މުޙައްމަދު އަދި ފާޠިމަތު ރިޝްފާ އެވެ. އަދި އެންމެ ބަރުދަން ލުއިކުރި ފަރާތަށް ދޭ "ހަށިލުއި އެވޯޑް" ހާސިލުކުރައްވާފައި ވަނީ ފާޠިމަތު ފަޒުނާއާއި އައިޝަތު ރިސާލާގެ އިތުރުން ނަސީމާ ޢަލީ އެވެ. މި ޕްރޮގްރާމްގެ މުއްދަތުގައި އެންމެ ބަރުދަން ލުއިކުރި ފަރާތަކަށް ހޮވިފައި ވަނީ ފާޠިމަތު ފަޒުނާ އެވެ. ފާޠިމަތު ފަޒުނާ ވަނީ މިޕްރޮގްރާމްގެ މުއްދަތުގައި 9 ކިލޯ 800 ގްރާމް ލުއިކޮށްފައެވެ.
މީގެ އިތުރުން އެމްއެންޑީއެފް އިން ވިދާޅުވީ މި އަހަރު ޖަނަވަރީ 15 އިން ފެބްރުވަރީ 28 އަށް ހިންގި މި ޕްރޮގްރާމްގައި 80 ޕަސެންޓް ހާސިލުކޮށްގެން 120 ކަނބަލުން ވަނީ ސެޓްފިކެޓް ހާސިލުކުރައްވާފައިވާ ކަމަށެވެ. އަދި މި ޕްރޮގްރާމަކީ، ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ސިއްޙަތާއި، އިޖުތިމާޢީ ފޭރާން ވަރުގަދަ ކުރުމުގެ އިތުރުން އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތް ކުރާ އެއްބައެއްވަންތަ މުޖުތަމަޢުއެއް ޤާއިމުކުރުމުގެ މަޤްޞަދުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގެ އިތުރުން ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ މުހިންމުކަމާއި، ކަސްރަތުކުރަންވީ ރަނގަޅުގޮތްތަކާއި، ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ރަނގަޅު ކާނާ ކެއުމުގެ މުހިންމުކަމާ ބެހޭގޮތުން ޕްރޮގްރާމުގެ ބައިވެރިންނަށްވަނީ މަޢުލޫމާތު ދެއްވާފައިވާކަމަށްވެސް އެފަރާތުން ވަނީ ވިދާޅުވެފައެވެ.
މި ޕްރޮގްރާމްގެ ތެރެއިން ފެބްރުވަރީ 17 އިން 18 އަށް ފަސްޓްއެއިޑް ޕްރޮގްރާމެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމްގައި، ފުރަތަމައެހީ ދޭންޖެހޭ އެކިއެކި ހާލަތްތަކުގައި، ނަފްސުގެ އިތުބާރާއެކު ފުރަތަމައެހީ ދޭނެގޮތާއި، ސީޕީއާރު ދޭނެ ގޮތުގެ އިތުރުން ލޭ މަނާ ކުރާނެ ގޮތް އަދި ޒަޚަމްތަކަށް ފަރުވާދޭނެ ގޮތްތަކާއި ބަލިމީހުން އުފުލާނެ ގޮތްތަކާ ގުޅޭގޮތުގެ މަޢުލޫމާތު ވަނީ ދީފައެވެ. މި ދެ ޕްރޮގްރާމް ކާމިޔާބު ކަމާއެކު ފުރިހަމަ ކުރައްވާފައި ވަނީ ޖުމްލަ 86 ކަނބަލުންނެވެ.
މި ޕްރޮގްރާމްގައި ކުލާސްތައް ނަންގަވައިދެއްވީ މިދާއިރާއިން ތަޢުލީމާއި ތަމްރީނާއި އަދި ތަޖުރިބާ ހޯއްދަވާފައިވާ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގައި މަސައްކަތްކުރައްވާ ސިފައިންނެވެ. މިގޮތުން މި ޕްރޮގްރާމްގައި އެ އޭރިއާ ކޮމާންޑްގެ ދިހަ މުދައްރިބުން ބައިވެރިވެލެއްވިއެވެ.
އަދި މި ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތުގައި، ޝަރަފުވެރި މެހެމާނުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި މިނިސްޓަރ އޮފް ޑިފެންސްގެ މިލިޓްރީ ސެކެރެޓަރީ ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރ ކާނަލް އަޙްމަދު ފާތިޙްގެ އިތުރުން ލ.ގަމު ކައުންސިލް އިދާރާގެ އިސް ބޭފުޅުންނާއި ޕްރޮގްރާމްގެ މުދައްރިބުން ބައިވެރިވެލެއްވިއެވެ.