އިސްލާމް ދީނުގައި އަންހެނުންނަށް އުގަންނައި ދިނުމާއި ވަޒީފާ ދިނުން އޮންނަ ގޮތާ ބެހޭ ގޮތުން ކިޔައި ދިނުމަށް އަފްޣާނިސްތާނަށް ދަންނަބޭކަލުންގެ ޓީމެއް ފޮނުވުމަށް އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ) އިން ނިންމައިފިއެވެ.

ތާލިބާނުންގެ ވެރިކަމުގައި އަފްޣާނިސްތާނުގައި އަންހެނުން ތައުލީމާ ވަޒީފާތަކުން ދުރުކުރަމުން ދާތީ ކާބުލްއާ ޓީމުން އަންހެނުންގެ ތައުލީމުގެ ހައްގާ ބެހޭ ގޮތުން މަޝްވަރާކުރާނެ އެވެ. މޮރިޓޭނިއާގައި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސްގެ ބައްދަލުވުމުގެ ފުރަތަމަ ދުވަހު ދަނަބޭކަލުންގެ ޓީމް ފޮނުވުމަށް އިއުލާން ކުރެއްވީ އޯއަސީގެ ސެކްރެޓަރީ ޖެނެރަލް ހުސެއިން އިބްރާހީމް ތާހާ އެވެ. އޭނާ ވިދާޅުވީ އަފްޣާނިސްތާނުގެ އަންހެނުންނާއި އަންހެން ކުދިންގެ ތައުލީމާ މެދު ތާލިބާނުން ކަންކުރާ ގޮތުން ކަންބޮޑުވުން ފާޅުކުރަމުން ގެންދާނެ އިލްމުވެރިންގެ ޓީމެއް އެގައުމަށް ދާނެ ކަމަށެވެ.

2021 ވަނަ އަހަރުގެ އޮގަސްޓް މަހު އަފްޣާނިސްތާނުގެ ސަރުކާރު ވައްޓާލައި ތާލިބާނުން ހަވާލުވި ފަހުން އަންހެނުންގެ ހާލަތު ވަނީ އިތުރަށް ގޯސްވެފަ އެވެ. އެގައުމުގައި އަންހެނުންނަށް ލީޑަޝިޕް މަގާމުތަކަށް ފުރުސަތު ނޯންނަ އިރު، މަހުރަމަކާ ނުލައި ނޫނީ ދަތުރަކަށް ނޭރެއެވެ.

މާޗް މަހުގެ 16 އަދި 17 ވަނަ ދުވަހު މޮރިޓޭނިއާގައި ބޭއްވި 49 ވަނަ އޯސީއައި ބައްދަލުވުމަށް ގާތްގަނޑަކަށް 40 ގައުމަކުން މަންދޫބުން ފޮނުވާފައިވެއެވެ.

އަފްޣާނިސްތާނުގެ އިސްލާމިކް އެމިރޭޓްސްގެ ތަރުޖަމާނު ޒަބީހުالله މުޖާހިދު ވަނީ އެގައުމުގައި އަންހެނުންނާ މެދު ނުހައްގުން އަމަލުކުރާ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށް އަންހެނުންގެ ތައުލީމާއި ވަޒީފާގެ މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރަމުން ދާކަމަށް ބުނެފައެވެ. އަދި އެކަމަށް ވަގުތު ނަގާނެ ކަމަށް ބުނެފައެވެ.