ފުލުހުންގެ ޚިދުމަތާ ގުޅޭ ގޮތުން މި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ، މުޖުތަމަޢާ ގުޅިގެން ޚިދުމަތް ދިނުން، ނުވަތަ ކޮމިޔުނިޓީ ޕޮލިސިންގް ދެމެހެއްޓުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން 2023 ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި ދަރުބާރުގޭގައި ކުރިއަށްދިޔަ މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ފުލުހުންނާ މެދު ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނީ ފުލުހުންނަކީ، ރައްޔިތުންނަށް ޚިދުމަތް ކުރުމަށް، ރައްޔިތުންގެ ތެރެއިން އުފެދިފައިވާ މުޖްތަމަޢުގެ އެއްބައިކަން ރައްޔިތުންނަށް ޤަބޫލުކުރެވިގެންކަމުގައި ފާހަގަކުރައްވާފައެވެ.

މިއަދުގެ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ 2021 ވަނަ އަހަރު ޢަމަލުކުރަންފެށި ފުލުހުންގެ އައު ޤާނޫނުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ. އަދި މި ޤާނޫނަށް ފުރިހަމަގޮތުގައި ޢަމަލުކުރެވޭނީ މުޅި މުޖްތަމަޢު ޝާމިލުވާ ގޮތަށް ވަށައިޖެހޭ ނިޒާމެއްގެ ތެރޭގައި ފުލުހުންގެ ޚިދުމަތް ބައްޓަންކޮގެންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ޒަމާނާ އެއްގޮތަށް ފުލުހުންގެ ޚިދުމަތް ތަރައްޤީ ކުރުމަށް، މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭކަމުގައި ވިދާޅުވެފައެވެ. އަދި ނަތިޖާ އެއްގެ ގޮތުން ވޭތުވެދިޔަ 5 އަހަރު ބޮޑެތި ކުރިއެރުންތަކެއް ސަރުކާރުން ހޯދާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ކުރީ ސަފުގައި ޚިދުމަތް ކުރާ ފުލުހުންގެ އޮފިސަރުން، ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމާއި، މިއަހަރުގެ ތެރޭގައި ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވާ ޓޭޒާ ގަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. ހަމަ އެއާއެކު އައްޑޫގައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ޤާއިމުވުމަކީވެސް، ޒަމާނީ ތަޢުލީމު ލިބިފައިވާ ފުލުހުން ބިނާކުރުމުގައި ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ މި ކޮންފަރެންސަކީ ފުލުހުންގެ ޚިދުމަތާ ގުޅޭގޮތުން ރާއްޖޭގެ ތާރީޚްގައިވެސް އަދި ފުލުހުންގެ ޚިދުމަތުގެ ތާރީޙުގައިވެސް މިހާތަނަށް ބާއްވާ ފުރަތަމަ ކޮންފަރެންސްކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވިދާޅުވީ މި ކޮންފަރެންސްގެ އަމާޒަކީ ދިވެހި ފުލުހުންގެ ޚިދުމަތް ޒަމާނީކޮށް ފެންވަރު ރަނގަޅުކުރުންކަމުގައެވެ.

އަދި އިތުރަށް ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ތަޖުރިބާކާރުންގެ އިރުޝާދާއި ޢިލްމީ ޙަޤީޤަތްތަކުގެ އަލީގައި ކަންކަމާ މަޝްވަރާކުރުމުން، ނެރެވޭ ނަތީޖާ ރަނގަޅުވާނެކަން ފާހަގަކުރައްވާ މިފަދަ ޢިލްމީ ކޮންފަރެންސެއް އިންތިޒާމުކުރެއްވި ކަމަށްޓަކައި، ޕޮލިސް ބޯޑަށާއި ހޯމް މިނިސްޓްރީ އަދި ދިވެހި ފުލުހުންގެ ޚިދުމަތަށް އެމަނިކުފާނު ޝުކުރު އަދާކުރައްވާފައިވެއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސްގައި މިއަދު ފުލުހުންގެ ޚިދުމަތާ ބެހޭ ގޮތުން، 10 ދިރާސީ ކަރުދާސް ހުށަހަޅައި، ޢިލްމީ ގޮތެއްގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށްވަނީ ހަމަޖެހިފައެވެ.

ފުލުހުންގެ ޚިދުމަތްތައް ކުރިއަރުވައި، ތަރައްޤީކޮށް ޕޮލިސް ރިފޯމް ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވަޢުދެކެވެ.