މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން އިންތިޒާމް ކޮށްގެން ރޭ ބޭއްވި "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023" އިން ހޮވި މިދިޔަ ސީޒަނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް އޭދަފުއްޓަށް އުފަން ހަމްޒާ މުހައްމަދު (ހަމްޕު) އަށް ލިބިއްޖެއެވެ.
ރާއްޖޭގެ ގައުމީ ޓީމާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގައިވެސް މުހިއްމު ދައުރެއް އަދާ ކުރާ ހަމްޕުއަށް މިއެވޯޑް ލިބުނު މިއީ ދެވަނަ ފަހަރެވެ. މިދިޔަ އަހަރުވެސް މިއެވޯޑް ހާސިލް ކުރީ ހަމްޕުއެވެ.
ކުޅިވަރު އެކުވެނީގައި ރޭ ބޭއްވި އެވޯޑް ދިނުމުގެ ކުލަގަދަ ހަފްލާގައި މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަމްޕުއަށް ހަވާލްދިނީ އިޓަލީއިން 2006 ގެ ވަރލްޑް ކަޕް ކާމިޔާބު ކުރި ކެޕްޓަން ފަބިއޯ ކަންނަވާރޯ އާއި އިންގްލެންޑް ގައުމީ ޓީމުގެ ކުރީގެ ގޯލް ކީޕަރު ޑޭވިޑް ޖޭމްސް އަދި އާސެނަލް އާއި ނައިޖީރިއާގެ ކުރީގެ ފޯވާޑް ކާނޫއެވެ.
މޮޅު ކުޅުންތެރިޔާގެ އެވޯޑް ހާސިލް ކުރުމަށްފަހު ހަމްޕް އޭނާގެ ޝުކުރު ބަންޑުންކޮށްލީ އާއިލާ އަށާއި މާޒިޔާގައި އޭނާއެކު ކުޅުނު ކުޅުންތެރިންނަށެވެ.