މާދަމާ ރާއްޖެއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ ބައިނަލްއަގުވާމީ ރަހްމަތްތެރި ކަމުގެ މެޗުގައި ރަނގަޅު ނަތީޖާއެއް ހޯދޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ޕާކިސްތާން ގައުމީ ޓީމުގެ ކޯޗް ޝެހްޒާދް އަންވަރު ބުނެފިއެވެ.

އިއްޔެ ރާއްޖެ އައުމުގެ ކުރިން ޕާކިސްތާނުގެ މީޑިޔާތަކަށް ދިން ބަސްދީގަތުމެއްގައި ޝެހްޒާދް ބުނީ ރާއްޖެއާ ދެކޮޅަށް އޭނާ އެކުލަވާލި ސްކޮޑުގެ އެވްރެޖް އުމުރަކީ އެންމެ 22 އަހަރު ކަމަށާއި ޓީމު ކިތަންމެ ޒުވާންނަމަވެސް ރާއްޖޭގައި ރާއްޖެއާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރެން އޭނާއަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

"ރާއްޖޭ ކުޅުންތެރިންގެ އެވްރެޖް އުމުރަކީ 28 އަހަރު. އޭގެ ތެރޭގައި ގިނައީ 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގައި ހިމެނުނު ކުޅުންތެރިން. ރާއްޖޭގައި އޮތީ ތަޖުރިބާކާރު ކުޅުންތެރިންގެ ސްކޮޑެއް" ރާއްޖޭ ގައުމީ ޓީމާ ގުޅޭ ގޮތުން ޕާކިސްތާނުގެ މީޑިޔާތަކާ ވާހަކަ ދައްކަމުން ޝެހްޒާދް ބުންޏެވެ.

ޕާކިސްތާނާއި ރާއްޖެ ބައްދަލު ކުރާ އެކުވެރިކަމުގެ މިމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ ލ.ގަމުގައެވެ. މިއީ މާލެ އާއި އައްޑޫ ސިޓީ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައި ގައުމީ ޓީމު ރަސްމީ މެޗެއް ކުޅޭ ފުރަތަމަ ފަހަރެވެ.

މެޗް ކުޅެން ހަމަޖެހިފައިވާ ގަމުގެ އާޓިފިޝަލް (ޓާފް ދަނޑު) ދަނޑާއި ގުޅޭ ގޮތުން ޕާކިސްތާނު ކޯޗް ޝެހްޒާދް ބުނީ ޓާފުގައި ކުޅެން އޭނާގެ ކުޅުންތެރިންނަށް އުނދަގޫ ނުވާނެ ކަމަށެވެ. "މެޗުގެ ކުރިން އަހަރެމެން ދެ ޕްރެކްޓިސް ކުރާނަން ގަމު ދަނޑުގައި. އަހަރެމެން ތެރޭގައި ގިނައީ ޓާފުގައި ކުޅެފައި ތިބި ކުޅުންތެރިން. އެހެންވީމަ ގަބޫލެއް ނުކުރެވޭ ޓާފުގައި ކުޅެންޖެހޭތީ އެކަމުގެ އަސަރު ޓީމުގެ ކުޅުމަށް ކޮށްފާނެ ކަމަކަށް" ޝެހްޒާދު ބުންޏެވެ.

ޕާކިސްތާނު މީޑިޔާއިން ކޯޗް ޝެހްޒާދާ ކުރިމަތި ކުރި އެއްސުވާލަކީ ރާއްޖެ މެޗުގައި ކެޕްޓަން ބޭންޑް ހަވާލް ކުރާނީ ކޮންކުޅުންތެރިޔަކާތޯއެވެ. "ކެޕްޓަން ބޭންޑް އަޅާނީ މިވެނި ކުޅުންތެރިޔެކޭ ބުނަން މިވަގުތު އަހަންނަށް އުނދަގޫ. ޔަގީނުންވެސް ބޭންޑް އަޅާނީ ޕާކިސްތާނުގައި އުޅެބޮޑުވި ކުޅުންތެރިއެއް" ޝެހްޒާދް ބުންޏެވެ.

ރާއްޖެ މެޗަށް އެކުލަވާލި ސްކޮޑުން ޝެހްޒާދް ވަނީ ޑެންމާކުގައި ކުޅޭ ފޯވާޑް އަބްދުލް ސަމަދް ޝެހްޒާދް އާއި އިނގިރޭސިވިލާތުގެ ލަންޑަންގައި ދިރިއުޅެމުން އަންނަ އުމުރުން އެންމެ 19 އަހަރުގެ ހާރޫން ހާމިދަށް ސްކޮޑުން ފުރުސަތު ދީފައެވެ. ޕާކިސްތާނުން އަބަދުވެސް އެހެން ގައުމުތަކުގައި ދިރިއުޅޭ އެކަމަކު ޕާކިސްތާން ގައުމީ ޓީމު ތަމްސީލް ކުރަން ބޭނުންވާ ކުޅުންތެރިންނަށް އެފުރުސަތު ދެއެވެ.

ރާއްޖެ އާއި ޕާކިސްތާން ބައްދަލު ކުރާ މެޗް ފަށާނީ މާދަމާ 15:45 ގައެވެ.